ޚަބަރު

މާލޭގެ 140 ގެއަކަށް ގެއްލުންވި، 41 މީހަކު ގެސްޓު ހައުސްތަކަށް ބަދަލުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
އެންޑީއެމްގެ ޗީގް އެކްޒެކްޓިވް މިރޭގެ ޕްރެސްގައި؛ ފޮޓޯ: ޕީއެސްއެމް

ހޮނިހިރު ދުވަހުގެރޭ މެންދަމުން ފެށިގެން މާލެ އަދި ބައެއް ރަށްރަށަށް ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 140 ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށާއި، އެ ގެތަކުގައި ދިރިއުޅޭ 41 މީހަކު ވަގުތީ ހިޔާއެއްގެ ގޮތުން ގެސްޓުހައުސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Ads by MWSC

އެންޑީއެމްއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިގެން ފަސް ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ގެއްލުން ލިބުނު ރަށްތައް:

  • ލ. ފޮނަދޫ: 11 ގެއެއްގައި ފެންބޮޑުވި
  • ފ ނިލަންދޫ: ދެ ގެއެއްގައި ފެންބޮޑުވި
  • ލ ގަމު؛ އެއް ގެއެއްގައި ފެންބޮޑުވި
  • ކ ގުރައިދޫ: 20 ގެއެއްގައި ފެންބޮޑުވި/ ތިން ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވޭ
  • ކ. ހުރާ: 20 ގެއެއްގައި ފެންބޮޑުވި
  • ކ، ހިއްމަފުށި: ގެތަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވޭ
  • ބ. ގޮއިދު: ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވޭ

ހިސާން ވިދާޅުވީ، މެންދުރާ ހަމަޔަށް މާލޭގެ 140 ގެއަކުން ފެން ވަދެގެން ރިޕޯޓްކޮށްފައިވާއިރު އެ ގެތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތަކުގެ މީހުން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

''ބިމު އަޑިން ފެން އަރައި، އެކި ތަންތަނުން ލީކުވެގެން 140 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކުރި'' ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ މަސައްކަތްކުރީ އެ ގެތަކަށް ފެން ނުވަންނާނެ ގޮތް ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ދަރުބާރު ގޭގައި ހުންނަ އެންއީއޯސީގައި ދިވެހި ރެޑްކްރެސެންޓާ، ފުލުހުންނާއި، އެމްއެންޑީއެފް އާއި އެޗްޕީއެ ގުޅިގެން އެކި އެމެޖެންސީ އޮޕަރޭޝަނެއް ހިންގައި ތައްޔާރީ ހާލަތަށް ގެނައި ކަމަށެވެ.

އެ ޓީމުން އެންމެ ފުރަތަމަވެސް މަސައްކަތްކުރީ ފެން ވަންނަމުން ދިޔަ ތަންތަނަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކަމަށާއި، މާލޭގެ އާއްމުން ދިރިއުޅޭ ގެތަކާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގެއްލުން ލިބުނި 140 ގެތަކުގެ ރެޕިޑް އެސިސްޓެންޓެއް ހަދާފައިވާ ކަމަށާއި އެ ރެޕިޑް އެސިސްޓެޓްމެންޓުން ފަހު ފާހަގަކުރެވުނީ 11 ގޭބިސީއަކުން 54 މީހަކު ބަދަލުކުރަންޖެހޭ ކަމަށެވެ.

އެ ޕްރެސްއަށް ފަހު ''ދެން'' އާ ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ބައެއް ފަރާތްތަކުން ބަދަލުވާން ބޭނުންނުވާތީވެ އާއި އެކި އެކި ސަބަބުތަކާއި ހުރެ ގެސްޓުހައުސްތަކަށް ބަދަލުވަނީ 41 މީހުން ކަމަށެވެ.

ގެސްޓުހައުސްތަކުން 28 ކޮޓަރި ހޯދައި، އެމްޓީސީސގެ ދެ ބަސް ބޭނުންކޮށްގެން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އެ ފަރާތްތަކަށް ކުރިއަށް އޮތް ތިން ދުވަހަަކަށް ކެއުން ބުއިމުގެ އިންތިޒާމާއި ގެސްޓު ހައުސްގައި ތިބެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާއިރު އެ މުއްދަތު އިތުރު ކުރަން ޖެހޭނަމަ އެކަން ކުރާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި ރެޕިޑް އެސެސްމެންޓަށް ބިނާކޮށް ކުރިއަށް އޮތް އެއްދެ ދުވަހެއްގެ ތެރޭގައި ޑީޓެއިލް އެސެސްމެންޓެއް ހެދުމަށްޓަކައި ޓީމުތަކެއް ފޮނުވަމުންދާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!