ޚަބަރު

ވިލިމާލޭގެ މަގުތަކާއި ފ.ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމަށް ސަރވޭކުރަން ހަވާލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިލިމާލޭ މަގު ހެދުމަށް ބޭނުންވާ ސަރވޭއާއި އީއައި ހެދުމުގެ މަސައްކަތާއި ފ.ނިލަންދޫ އެއަރޕޯޓަށް ބިންކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ދެކުންފުންޏާކާ ހަވާލުކުރައްވައިފިއެވެ.

Ads by STELCO

މީގެ ތެރެއިން ވިލިމާލޭ މަގުހެދުމަށް ބޭނުންވާ ސަރވޭއާއި އީއައި ހެދުމުގެ މަސައްކަތް ހަވާލުކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. އަދި ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހަދަން ހަވާލުކުރެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

މިކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވިލިމާލޭ މަގުހެދުމަށް ބޭނުންވާ ސަރވޭއާއި އީއައި ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތަޢާމް މުހައްމަދުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރުއެވެ.

މިމަސައްކަތް ހަވާލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ވިލިމާލޭ މަގު ހެދުމަށް ބޭނުންވާ ސަރވޭއާއި އީއައި ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރެއްވީ 120 ދުވަހުގެ ތެރޭގައި ނިންމާ ހުށަހަޅާ ގޮތައް ކަމަށެވެ.

ވަޒީރު ވިދާޅުވީ ވިލިމާލޭ މަގު ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުގައި އެކަށީގެންވާވަރުގެ ޓޮޕޯގްރަފިކް ސަރވޭއެއް ހެދިފައި ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެންމެ ފުރަތަމަ ޓޮޕޯގްރަފިކް ސަރވޭއާއި ޖިއޯޓެކްނިކަލް، ހައިޑްރޮލޮޖިކަލް ސަރވޭގެ މަސައްކަތާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރަން ނިންމެވީ އެރަށުގެ މަގުތަކުގެ ހާލަތު ދެނެގަނެ މަގުތަކުގެ މަސައްކަތަށް ބޭނުންވާ ސީދާ ޚަރަދު އެނގިގެން މަސައްކަތް ކޮންޓްރެކްޓް ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ ވިލިމާލޭގެ ތަރައްޤީއަށް ސަރުކާރުން ނިންމަވާފައިވާ ކަންތައްތައް ކުރުމަށް އެރަށުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ ސަރވޭވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެވުޒާރާއިން މިހާރު ކުރައްވަމުން ގެންދަވަނީ މިމަސައްކަތް ނިމެންވާއިރަށް މަގުހެދުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް ކަމަށެވެ. މަގު ހަދާއިރު ބަލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ މަގުހެދިގެންދާއިރު ފެނާއި ނަރުދަމާއާއި ކަރަންޓާއި އެހެން ޚިދުމަތްތައްވެސް ރަނގަޅަށް އެކަށައެޅިގެން މަގު ހެދިގެން ދިއުން ކަމަށެވެ. އޭރުން ފަހުން އެކިކަން ކަމަށް މަގު ކަނޑާ ސަރވިސް އެޅުމަށް ދިމާވާ ދަތިތަކުން ސަލާމަތްވެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުހެދުމަށް ބޭނުންވާ ސަރވޭތައް ހަދާފަ ޑީޓެއިލް ޑިޒައިނާއި އީއައިއޭ ސްޓޯމްވޯޓަރ ޑިޒައިނާއި ހުރިހާ ކަމެއް ހިމެނިގެން މަސައްކަތް ނިމިގެންދާނީ. އެހިސާބުން އަމަލީ މަސައްކަތް ފެށޭނެ. އަމަލީ މަސައްކަތް ފެށިގެންދާއިރު މަގުތަކުގެ އަޑިން ލާންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމުވެސް ހިމެނިގެން މުޅިއެއްކޮށް ޓޯޓަލް ސޮލިއުޝަނެއް ލިބޭގޮތަށް ހިމެނިގެންދާނީ" ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ވިލިމާލޭ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެން އަންނާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވަޒީރު ވދާޅުވިއެވެ.

ވިލިމާލޭގެ މަގު ރަނގަޅު ފެންވަރަށް ހެދުމަށް 1.79 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފ. ނިލަންދޫ އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާއިންވަނީ އެމްޓީސީސީއާ ހަވާލުކުރެއްވީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ ޒިޔާދުއެވެ.

ފ.ނިލަންދޫ އެއަރޕޯޓް އެޅުމަށް މިއަހަރުގެ ބަޖެޓުގައިވެސްވަނީ ހިމަނާފައެވެ. މިމަސައްކަތުގެ އަގަކީ ތިންސަތޭކަ ހަތްދިހަ އަށްހާސް ރުފިޔާއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ ބިން ހިއްކުމަށްޓަކައި ހަދާ މިސަރވޭއިން އެބިން ހިއްކުމަށް ބޭނުންވާ ވެލީގެ މިންވަރާއި އެތަން ހިމާޔަތް ކުރަން ބޭނުންވަނީ ކިހާވަރެއްގެ ޝޯވ ޕްރޮޓެކްޝަނެއްކަން އެނގިގެންދާނެ ކަމަށެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ ނިލަންދޫ އެއަރޕޯޓް މަޝްރޫޢުގެ ތެރެއިން މިއަހަރު ކުރުމަށް ކަނޑައަޅުއްވާފައިވަނީ ބިން ހިއްކުމާއި އެބިން ރައްކާތެރިކުރުމަށް ބޭނުންވާ ޝޯޕްރޮޓެކްޝަންގެ މަސައްކަތްކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!