ޓައިވާނުން ޗައިނާގެ ބެލޫންތަކަކީ ސަލާމަތަށް އޮތް ނުރައްކަލެއް އަދި ނަފްސާނީ ހަނގުރާމައެއް ކަމަށް ބުނެ ފާޑުކިޔައިފި
ޓައިވާނުގެ ދިފާއީ ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި ޓައިވާނުގެ މުހިންމު އިންތިޚާބެއްގެ ދުވަސްކޮޅެއް ކުރިން ޗައިނާއިން ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާކޮށް، އެ ރަށުގެ ރައްޔިތުންނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ހިންގަމުން ދެއެވެ.
ޖާސޫސް ކުރުމަށް ޗައިނާއިން ބެލޫން ބޭނުންކުރުމުގެ ފުރުޞަތު މުޅި ދުނިޔެއަށް މައްސަލައަކަށް ވެގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން ޗައިނާގެ ސަވައިލަންސް ބެލޫނެއް ކަމަށް ބުނާ ބެލޫން ވައްޓާލުމުންނެވެ. ޗައިނާއިން ބުނީ އެ ބެލޫނަކީ ކުއްލިއަކަށް މަގުފުރެދުނު މަދަނީ އުޅަނދެއް ކަމަށެވެ.
ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިހާބާ ދިމާކޮށް ޗައިނާގެ އަސްކަރީ އަދި ސިޔާސީ ހަރަކާތްތަކަށް ޓައިވާން އޮތީ ހައި އެލާޓްގަ އެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޗައިނާއިން ދަނީ އަސްކަރީ އަދި އިގްތިސާދީ ޕްރެޝަރު ތައް އަޅަމުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޗައިނާއިން ދެކޭ ގޮތުގައި އެރަށަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގަ އެވެ.
މިދިޔަ މަހުން ފެށިގެން ޓައިވާނުގެ ދިފާއީ ވުޒާރާއިން ވަނީ ނާޒުކު ޓައިވާން ކަނޑުއޮޅިމަތިން ޗައިނާގެ ބެލޫންތައް އުދުހޭ ކަމުގެ ގިނަ ހާދިސާތަކެއް ރިޕޯޓްކޮށްފައެވެ. އެ އިދާރާއިން ބުނީ މި ހަފުތާގައި ޓައިވާނުގެ ބޮޑު ވައިގެ މަރުކަޒުތައް ކައިރީގައި ބައެއް ބެލޫންތައް އުދުހިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބެލޫންތަކަކީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
އަދި ޗައިނާގެ ކޮމިއުނިސްޓުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވުމާއި ޓައިވާން ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ބެލޫންތަކަކީ ޓައިވާނާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ "ގްރޭ ޒޯން" ޓެކްޓިކްސްގެ ތެރޭގައި ހިމެނޭ ބެލޫންތަކެއް ކަމަށާއި އެއީ "ކޮގްނިޓިވް ވޯފެއާ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްވަރަށް އަސަރު ކުރުމުގެ ގޮތުން" ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.