ޚަބަރު

އެމްޑީޕީން މާލޭގެ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ކުރާނެ: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ތަނަވަސް އަޣުލަބިއްޔަތަކަން އާޒިމް ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ އިޙްޞާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު 52 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 6،000 އަށް ވުރެ ގިނަ ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ.

ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 4،657 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،222 ވޯޓު ލިބިވަޑައިގެންއިރު ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،688 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 113 ވޯޓެވެ.

މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުން ވެސް މިއަދު އޮތެވެ. އެ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވީ ނަމަވެސް ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވަނީ ނިސްބަތުން މަދު ބައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!