ގާސިމްގެ ހިފެހެއްޓުމެއް ނެތް ތައުރީފް ރައީސް މުއިއްޒަށް
ރައީސް ޑރ މުހައްމަދު ކުރެއްވި ފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް ރާއްޖޭގެ އެއްވެސް ރައިސަށް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފް ކުރައްވައިފިއެވެ.
ޗައިނާގެ ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންނެވި މިއަދުއެވެ.
އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ގާސިމް ވަނީ ކާމިޔާބު ފުރަމާނަ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފައިވާތީ އެމަނިކުފާނާއި އަދި އަރިހުގައި ގެންދެވި ދިވެހި ވަފުދަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.
އެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއި ތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ހަބަރު، ރައީސް ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިހުތިރާމުކުރާ ކަމަށާއި އަދި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް ދަތުރުފުޅުގައި ލިބިގެންގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްގީގެ އއެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވާކަމީ ގައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ.
އަދި މިދަތުރު ފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުހަވާ އަކީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި ވެސް އަޅުގަނޑު ފާހަގަކުރަމެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވޭ
މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ގައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، އަމިއްލަ ނަމުގައި އާއިު ޕާޓީގެ ރައީސަށް ޝުކުރާ ތަހުނިޔާ އާއި މުބާރަކްބާދު އަދާކުރައްވާ ކަމަށް ގާސިމްގެ ޕޯސްޓު ނިންމާލައްވަމުން ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ޗައިނާއާއެކު މުހިއްމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިގެން ގޮސްފައެވެ.