ޚަބަރު

ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by MWSC

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ގޮތުން އުފައްދާފައިވާ މަތީ ފަންތީގެ ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ، ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމުގެ މަސްލަހަތު އޮތް ތަފާތު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ދެ ފަރާތުން ވަނީ އެއްބާރުލުން އިތުރުކުރުމަށާއި އިންޑިއާ ސިފައިން ގެންދިޔުން އަވަސް ކުރުމަށް އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު އެ ކަން ހުށަހެޅުއްވީ ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތް ހިމަނައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!