ޚަބަރު

ތައިލޭންޑާއި ޔޫއޭއަށް އާސަންދަ ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާސަންދައިގެ ދަށުން، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ބޭސްފަރުވާއަށް ދިއުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އާސަންދައިން މިއަދު ބުނެފިއެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިމަހުގެ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ އާސަންދައިގެ ހިދުމަތަކީ ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީތަކުން ލިބޭ ހިދުމަތެއްގެ ބަދަލުގައި، އެ ހިދުމަތް އެހެން ގައުމުތަކަށްވެސް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއަށާއި ތައިލޭންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން. އަދި އެތަނަށް ދާއިރުގައި އެކޮމަޑޭޝަން އެކްސްޕެންސެސްވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެން އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވެފައިވެއެވެ.

މިގައުމުގެ ސިއްހީ ނިޒާމު ތަރައްގީވަންދެން ރައްޔިތުން ދާނީ ދުބާއީއަށާއި ބެންކޮކްގައި ހުންނަ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކަށް ކަމަށާއި އެއީ އެކޮމޮޑޭޝަން ހަރަދުވެސް އާސަންދައިން ހަމަޖެހިގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާސަންދައިގެ ދަށުން އިންޑިއާ އަދި ސްރިލަންކާގެ ނޫން އެހެން ގައުމަކުން، ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އާސަންދައިން ދެކޮޅު ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.

"އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރިލަންކާއަށް ނަމަވެސް، ކުރިއަށްއޮތް ތަނުގައި ތައިލެންޑް އަދި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އާސަންދަ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު ކުރެވެމުންދާ ވާހަކަ ދަންނަވަން،" އާސަންދައިން ބުންޏެވެ.

ތައިލެންޑް އަދި ޔޫއޭއީއަށް، އާސަންދައިގެ ދަށުން ބޭހަށް ފޮނުވުމަށް އާސަންދައިން ދެކޮޅު ކަމަށްބުނެ މީޑިއާތަކުން ހަބަރު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި، ދެއްކި ވާހަކައަކަށް ހަވާލާދީ ކަމަށް އާސަންދައިން ބުންޏެވެ.

އެސްއޯއީ ކޮމިޓީގައި، އާސަންދައިގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ވިސްނުން ނެތް ކަމަށް ބުނެފައިވަނީ އެއިރު އެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިނުވާތީ ކަމަށް އާސަންދައިން ބުންޏެވެ.

ސަރުކާރުން ވަނީ މިހާރު ރަސްމީކޮށް، އާސަންދަ ފުޅާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައި ކަމަށެވެ. އެހެންކަމުން މާކުރިން ދައްކާފައިވާ ވާހަކަތަކަކަށް ބިނާކޮށް ހަބަރު ފެތުރުމުން، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅިގެންދާނެ ކަަމަށް އާސަންދައިން ބުންޏެވެ. އެހެންކަމުން ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުވާނެހެން މައުލޫމާތު ގެނެސްދިނުމަށް އެދޭ ކަމަށް އާސަންދައިން ބުންޏެވެ.

Ads by HDC
  1. ހުޅުމާލޭގައި މީހުން އުޅެންފެށިތާ އެތައް އަހަރެއްވި އިރުވެސް، ސަރުކާރުން މިސްކިތެއް އަޅާ ކަމަށްވާނަމަ އެވަނީ ވަޤުތީ- ދާއިމީ މިސްކިތަކަށެވެ. ވީމާ، ދާއިމީ މިސްކިތެއް އަޅުއްވައިދެއްވާނީ ކޮން ދުވަހަކުންތޯ؟