ލައިފްސްޓައިލް

ހިނިތުންވެ ވާހަކަ ދައްކާ ކޮންމެ މީހަކީ ހެޔޮއެދޭ މީހެއް ކަމުގައި ނުދެކޭށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި މީހުން ކުރިއަރާނީ އެކި ދާއިރާއިންނެވެ. އެކި މީހުން ކުރިއަރާނީ އެކި ވަރަށެވެ. އެކި މީހުން ކުރިއަރާނީ އެކި ވަގުތު ތަކުގައެވެ. ފަސް އިނގިލި އެއްވަރު ނުވާ ބީދައިން އަޅުގަނޑުމެން އެންމެންނަކީ ވެސް އެއްވަރެއްގެ ބައެއް ނޫން ކަން ގައިމެވެ. އެކަކަށްވުރެ އަނެކަކު ހުނަރުވެރިވުމަކީ ނުވަތަ އެކަކަށްވުރެ އަނެކަކު މޮޅުވުމަކީ ވެސް ވެދާނެ ކަމެކެވެ.

Ads by Sosun Fihaara

އަނެކާއަށް މޮޅެއް ލިބޭތަން ދުށުމަކީ ގިނަ ބަޔަކަށް ދެކެން އެހާ ފަސޭހަ މަންޒަރަކަށް ނުވެދާނެއެވެ. ގިނަ ފަހަރަށް ވެފައި ވެސް އޮންނަނީ އެހެންނެވެ. މީހަކު ކަމެއްގައި ކުރި އަރައިގެން ދާނަމަ އެކަމެއް ހަޖަމު ނުވާ މީހުން ވަރަށް ވެސް ގިނަ ވާނެއެވެ. އަދި ދެމީހަކު އެކުގައި އުޅޭ ނަމަވެސް އެކަމެއް ބަލައިނުގަނެވޭ އެތައް ބަޔަކު އުޅޭނެއެވެ. އެއީ ހަމަ ދުނިޔޭގެ އާދައެވެ. ކޮންމެ ދުވަހަކުމެ ދުނިޔެ އަޅުގަނޑުމެންނަށް ދައްކަމުންދާ ހަގީގަތެވެ.

ދިރިއުޅުމުގައި ދިމާވާނީ އެކި ކަހަލަ މީހުންނާއެވެ. ތަފާތު މިޖާޒުގެ ތަފާތު އުސޫލުތައް ގެންގުޅޭ ތަފާތު ގަބޫލު ކުރުންތައް ގެންގުޅޭ މީހުންނާއެވެ. އެއިން ކޮންމެ މީހަކުވެސް ތިމާއާއި ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކައި ހަދާފާނެއެވެ. ތިބާއާއި އެކު ހީ ސަކަރާތް ޖަހާވެސް ހަދާފާނެއެވެ. މީސްމީޑިއާގައި ތިބާގެ ކާމިޔާބީއެއް ހިއްސާ ކުރުމުން މަރުހަބާ ވެސް ކިޔާފާނެއެވެ. ތިބާއަށް އެތައް ތައުރީފެއް ވެސް ކޮށްފާނެއެވެ.

މިގޮތަށް މީހަކު ތިބާއާއި ދޭތެރޭ ކަންތައްކުރި ނަމަވެސް އިންސާނާގެ ހިތަކީ އެކަކަށްވެސް ނޭނގޭނެ އެއްޗެކެވެ. އަނެކާގެ ހިތަށް އަރާ ފައިބާ އިހްސާސްތައް އެނގޭނީ ހަމަ އެމީހަކަށެވެ. ދެން ގަދަކީރތިވަންތަ މާތްالله އަށެވެ. ކިތަންމެ ހިނިތުންވެފައި މީހަކު ތިމާ އާއި ވާހަކަ ދެއްކި ކަމުގައި ވިޔަސް އެމީހެއްގެ ހިތް ތިބާއާއި ދޭތެރޭ އޮތް ގޮތް ތިބާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ. ދެމީހެއްގެ ދޭތެރޭގައި ވަރުގަދަ އިތުބާރެއް އުފަންވަނީ ވަރަށް ގިނަ ކަންތައްތަކެއްގެ ސަބަބުން ކަން ގައިމެވެ.

ހިނިތުންވެ ތިބާއާއި ވާހަކަ ދައްކައި ތިބާގެ މީސްމީޑިއާގެ ފޮޓޯތަކަށް ތައުރީފް ކުރާ މީހާ އަކީ ތިބާގެ ކުރިއެރުމާއިމެދު ހަސަދަވެރިވާ މީހެއް ކަމުގައި ވެސް ވެދާނެއެވެ. އޭނާ އެދެނީ ތިބާ އެކަމުން ކުރި ނޭރުމަށް ކަމުގައި ވެސް ވެދާނެއެވެ. ކަނޑުގެ އަޑި އެނގުނު ކަމުގައި ވިޔަސް މީހެއްގެ ހިތެއް ނޭނގޭނެކަން ގައިމެވެ. ފެންނަ ކޮންމެ މީހަކަށް އިތުބާރު ކުރަން ނުވާނީ އެހެން ވެގެންނެވެ.

މި ޒަމާނުގައި މީހަކަށް އިތުބާރު ކުރަންވާނީ އެމީހާ އަކީ ކޮންކަހަލަ މީހެއްކަން ވަރަށް ރަނގަޅަށް ދަސްކުރުމަށް ފަހުގައެވެ. އަދި އެމީހާ އަކީ ހަގީގަތުގައި ވެސް ތިބާ ކުރިއަރަން ބޭނުންވާ މީހެއްތޯ ޔަގީން ކުރުމަށް ފަހުގައެވެ. އެފަދަ މީހަކު ވަކި ކުރެވޭނޭ ބައިވަރު ގޮތްތައް ވާނެ ކަން ގައިމެވެ.

ތިބާ ދިރިއުޅުމުގައި ކުރިއެރުމަށް ބޭނުންވާނީ މަދު ބައެކެވެ. އަދި އެ މަދު މީހުންނަކީ ތިބާއަށް ޓަކައި ހެޔޮއެދޭ ތިބާއަށް ހެޔޮދުއާ ކޮށްދޭ މީހުންނެވެ. އަނެކާއަށް މޮޅެއް ލިބިއްޖެނަމަ ތިބާ ދަށް ވަނީ ކަމުގައި ހީކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.  އަނެކާއަށް ލިބޭ ކާމިޔާބީއަކީ ތިބާގެ ނާކާމިޔާބީ ކަމުގައި ދެކޭ މީހުންވެސް ވަރަށް ގިނައެވެ. އަދި އަނެކާގެ އިހްސާސްތަކަށް އިހްތިރާމްކުރަން ނުދަންނަ މީހުންވެސް މިހާރު ވަރަށް ގިނައެވެ.

މީހަކު ތިބާއާއި ހިނިތުންވެ ވާހަކަ ދައްކަފާނެއެވެ. ތިބާއާއި އެކު ވަގުތު ހޭދަކޮށްފާނެއެވެ. ނަމަވެސް އެގޮތަށް ވާހަކަދައްކައި އެކުގައި ވަގުތު ހޭދަ ކުރާ ކޮންމެ މީހަކީ ހެޔޮއެދޭ މީހެއް ކަމުގައި ނުދެކޭށެވެ. އެމީހަކީ އަޑި ނުބައި މީހަކު ކަމުގައި ވެސް ވެދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!