ޚަބަރު ސަރުކާރު ސިޔާސީ

މަޝްރޫޢުތައް ސަރުކާރަށް ބަދަލުކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަސްކުރަން އާޒިމް އެދިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރަށް ބަދަލުކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވެފައިވާ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

Ads by STELCO

އާޒިމް މިގޮތަށް އެދިވަޑައިގެންފައި ވާއިރު މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކައުންސިލުން ހިންގަމުން އަންނަ 120 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކޮށް، އެ މަސައްކަތްތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ވަނީ ފާސްކޮށްފައެވެ.

އެހެން ކަމުން މިކަމަށް އިޝާރާތްކުރައްވާ އާޒިމް މިރޭ ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ޤާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް، ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހަމަ އެހެންމެ މާލޭ ރައްޔިތުން އިންތިޚާބުކޮށްފައިވާ މޭޔަރު މަޤާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރަށް ބަދަލުކުރަން އެ ކައުންސިލުން ފާސްކޮށްފައިވީ ނަމަވެސް އެ މަޝްރޫޢުތަކުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!