ޚަބަރު

މެޑިކަލް އިވެކުއޭޝަންތަކުގައި ރައީސްގެ ދައުރެއް ނޯވޭ: މިނިސްޓަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެޑިކަލް އިވެކުއޭޝަންގެ އެއްވެސް މަރުހަލާއެއްގައި ރައިސުލްޖުމުހޫއްރީއްޔާ އަރިހުން ހުއްދަ ހޯދާ ނުވަތަ އަންގަން ނުޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ ޤައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޤައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ގ.އ ވިލިނގިލިއިން މާލެ ގެންދިޔަ ކުއްޖާ ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް އިޝާރާތް ކޮށެވެ. އެގޮތުން ކުއްޖާ މާލެ ގެންދިއުމަށް ލަސްވީ ރައީސް ޑޯނިއާ ބޭނުން ކުރަން ދެކޮޅު ހެދުމުން ކަމަށް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

އެކަމާއި ގުޅުގައި ގައްސާން ވިދާޅުވީ، މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންގެ އެސްއޯޕީގައި ރައީސްއަށް އެންގުމެއް އަދި ހުއްދަ ދެއްވުމެއް ނޯންނަ ކަމަށެވެ. އަދި އެކަމަކީ އެކަމާއި ގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ކުރެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރ ވަނީ 2021 ވަނަ އަހަރު ފެށިގެން މިހާތަނަށް ކޮށްފައިވާ މެޑިކަލް އިވެކުއޭޝަން ތަކުގެ ގިނަ ދަތުރުތަކުގައިވެސް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ ބޭނުން ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2021 އިން ފެށިގެން މިހާތަނަށް %93 މެޑިކަލް އިވެކުއޭޝަންތަކުގައި ބޭނުންކޮށްފައިވަނީ މޯލްޑިވިއަން ކަމަށް ވިދާޅުވިއެވެ.

ގއ. ވިލިނގިލިން މާލެ ގެނައި އުމުރުން 13 އަހަރުގެ އެ ކުއްޖާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހިގެން އެ ކުއްޖާ މާލެ ގެނެވުނީ 16 ގަޑިއިރު ފަހުންނެވެ. އެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވީ ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!