އިންޑިއާގެ ޕޮލިސް އެކަޑަމީއާ ދިވެހި ފުލުހުން ގުޅިގެން ފިޓްނަސް މެނޭޖްމަންޓް ކޯހެއް ހިންގައިފި
![](https://dhen.mv/wp-content/uploads/2024/01/416108895_1041598853808248_4421498679777760294_n-850x548.jpg)
ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޑިއާގެ ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީ ގުޅިގެން ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޞަބާޙްއެވެ.
މި ރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ މެނޭޖްމަންޓް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް އާއި ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ އިންސްޓްރަކްޓަރުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސޮބާޙް ދެއްކެވި ވާހަކަ ފުޅުގައި، ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ފަރާތުން ދިވެހި ފުލުހުންނަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ވަރަށް މުހިންމު ކޯހެއްކަން ފާހަގަ ކުރައްވައި ކޯހުގެ ސަބަބުން ދިވެހި ފުލުހުންގެ ފިޓްނަސް ރަނގަޅުވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މި ކޯހުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.
މި މަހުގެ 15 އިން 19 އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 17 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.