ޚަބަރު

ސަފާރީ ލާމު އަތޮޅުގައި ބަނދަރު ނުކުރާނެ: ގަން ރީޖަނަލް ހޮސްޕިޓަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވި ދެ މީހުން ތިބި ސަފާރީ ލާމު އަތޮޅުގައި ބަނދަރު ނުކުރާނެ ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ދެ ބިދޭސީން ޕޮޒިޓިވް ވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުން މިވަގުތަށް ލ. އަތޮޅަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ދާދި ދެންމެއަކު ގަން ރީޖިނަލް ހޮސްޕިޓަލުން ބުނީ ސަފާރީން ފައްސިވި ދެ މީހުން ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް އެ ހޮސްޕިޓަލާއި އެމްއެންޑީއެފް ސެންޓަރަލް އޭރިއާއިން ކުރަމުންދާ ކަމަށެވެ.

"މި ސަފާރީ އެއްވެސް ބަނދަރަކަށް ނުވަންނާނެ. މި ސަފާރީން އެއްވެސް މީހަކު އެއްވެސް ރަށަކަށް ނުފައިބާނެ." ގަން ރީޖިނަލް ހޮސްޕިޓަލުން ބުންޏެވެ.

މަބްރޫކް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި އައިލެންޑް ސަފާރީ އުޅަނދު މިވަގުތަށް ލ. އަތޮޅަށް ގެންދިޔަ ނަމަވެސް އެމީހުން ފަރުކޮޅުފުއްޓަށް ގެންނަންޖެހޭތޯ މިހާރު ޑޮކްޓަރުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިލެންޑް ސަފާރީ ކަރަންޓީނުގެ ހާލަތަށް ގެނެސް އޭގައި ތިބި އެހެން މީހުންނާއެކު ސަފާރީ މާލެ އަންނާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!