ޚަބަރު

ޑްރަގު މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޑްރަގު މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލައިފިއެވެ.

ފުލުހުން 2020ވަނަ އަހަރު އަބުޗާ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުމަތިން ހައްޔަރުކުރީ 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކުއެވެ. އެ މައްސަލައިގައި އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ އަހަރުއެވެ.

ކަރެކްޝަންސްއިން ބުނީ އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދޫކޮށްލީ ކިހާ ދުވަހަކަށް ކަމެއް ނުބުނެއެވެ. އަދި ދޫކޮށްލީ ވަކި ޝަރުތުތަކަކާ އެކު ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލެއް ވެސް ނުދެއެވެ. ޕެރޯލްގެ ދަށުން އަބުޗާ ދޫކޮށްލައިފައި ހުންނަ ދުވަސް ވަރު އޭނާގެ ރަނގަޅަށް އުޅޭކަމަށް ބެލެވިއްޖެނަމަ އެއްކޮށް މިނިވަންވާނެއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަބުޗާއަށް އެންމެ ފުރަތަމަ އިއްވީ 50 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އިއުތިރާފްގެ އެއްބަސްވުމަކާ އެކު އޭނާގެ ހުކުމް 25 އަހަރަށް ކުޑަކުރީއެވެ.

Ads by HDC