ޕީޖީ ޝަމީމަށް ހަމަލާ ދިން މީހުން ދެނެގަނެ, ދެ މީހަކު ހައްޔަރުކޮށްފި
 
                                                        ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ދެނެގަނެ, ދެ މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފިއެވެ.
ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާ އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ދިން އަނިޔާގައި އޭނާގެ އަތަށް ވަނީ ފްރެކްޗާ ވެފައެވެ.
މި މައްސަލައިގެ ތަފްސީލް ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އަލީ ޝުޖާއު ވިދާޅުވީ ހަމަލާ ދީފައިވަނީ ވަރަށް ބޮޑަށް ދުރާލާ ރާވައިގެން ކަމަށާއި ހަމަލާ ދިން މީހުން ފޮރުވަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
 
  
 
 
		
 
		
 
		
 
		
