ޚަބަރު ސަރުކާރު ސިޔާސީ

ކަނޑޫދޫ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ޙިއްޞާކުރައްވައިިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ތ. ކަނޑޫދޫ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ޙިއްޞާ ކުރައްވައިިފިއެވެ.

Ads by Sosun Fihaara

ކަނޑޫދޫ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް އެ ރަށު ކައުންސިލުން ރައީސްއާ ހިއްސާ ކުރައްވާފައި ވަނީ ރައީސް ކޮޅުމަޑުލު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ކޮޅުމަޑުލު ކަނޑޫދޫގެ ކައުންސިލް އިދާރާގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލް އިދާރާއިން ވަނީ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ.

ހަމަ އެހެންމެ ކައުންސިލުން ވަނީ، ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ދަތިތަކާއި، ބަނދަރު ހަލާކުވަމުންދާތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ރަށަށް އޭ.ޓީ.އެމް އެއް ބޭނުންވާ ކަމަށާއި، ރަށުގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަން ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއިއެކު މަސައްކަތް ކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫއަށް ވަޑައިގެންފައި ވަނީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ތިންދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ދެވަނަ މަންޒިލެއްގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!