ޚަބަރު ސަރުކާރު

ރާއްޖެ ފަލަސްތީނަށް ވާކަށް ނޭދެން: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން
ރައީސް ގައުމާ މުހާތަބު ކުރައްވަނީ

ރާއްޖެ ފަލަސްތީނަށް ވާން ނޭދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހާއި ގުޅިގެން ޤައުމާ މުހާތަބު ކުރައްވާ ދެއްވި ހިޠާބުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، އަމިއްލަ ބިމުގެ ބާރުވެރިކަން އަތުގައި ނެތް ޤައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެންނަ ކަމަށެވެ.

އޭގެ މިސާލަކީ ފަލަސްތީނު ކަމަށާއި އެހެންވެ، އެފަދަ ދުވަހެއް ދެކެން ނޭދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިޠާބުގައި ވަނީ މި ދުވަސް ހާއްސަވާ އަލިރަސްގެފާނުގެ ޖިހާދުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

ދުވަހުގެ ތާރީހަށް އަލިއަޅުއްވާލައްވާ ވެރިކަމުގެ ދަހިވެތިކަމުގެ ތެރެއިން ކަޅު މުހައްމަދު ރަސްގެފާނު ވަރަށް ބޮޑަށް ގައުމަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭރު ދިވެހީން ކުރަމުން ދިޔަ، ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރަށް ދޫކޮށްލައްވާ އަލީރާޖާއާ އެއްކޮށް ހެއްދެވި މުއާހަދާއެއްގެ ދަށުން ދިވެހި ކަނޑުން ލިބޭހާ މާވަހަރާއި ދިވެހިރާއްޖެއިން ލިބޭ ރަނާއި ބޮއްޔާއި އުފައްދާހައި ރޯނުގެ ދެބައިކުޅަ އެއްބައި އަލީރާޖާއަށް ދޭން އޭރު އެއްބަސްވެފައިވާ ކަމަށެވެ.

އެއީ، އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ހަލާކުގެ ތެރެއަށް އެއްލައިލުން ކަމަށާއި "އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ޚިޔާނާތްތެރިވުން. ހަމައެއާ އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެ މީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކުރުން،" ރައީސް ވިދާޅުވިއެވެ.

އެ ޚިޔާނާތުން ގައުމު ސަލާމަތްކުރަން އަލިރަސްގެފާނު ކުރެއްވި ޖިހާދުން އިބުރަތް ލިބިގަންނަން ގޮވާލާ ރައީސް ވަނީ އެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބުކުރާ ކަމަށާއި ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ ކަމަށެވެ.

އަދި ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ޚަބަރު ފަތުރާއިރު ޤައުމާ އެއްކޮޅަށް ޚަބަރު ފަތުރަން އަލި ރަސްގެފާނުގެ ޖިހާދުން ނަސޭހަތްދޭ ކަމަށާއި ދޮގު ޚަބަރު ނުފަތުރަން އިންޒާރުދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރުދެއްވާނެކަން ކަމަށާއި އެއީ، ބިމުގެ ކުޑަކަމާއި އާބާދީގެ މަދުކަމާއި ގުޅިފައި އޮންނަ ކަމެއް ނޫންކަމަށެވެ.

ޕޯޗުގީޒުންގެ އަޅުވެތިކަމުން ކާބަފައިން މި ގައުމު ސަލާމަތްކޮށްފައިވާ ކަމަށާއި ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅު މުހައްމަދު ރަސްގެފާނު ދޫކުރެއްވި ރަށްރަށް ވެސް އަލުން ދިވެހީންނަށް ހޯދައިދެއްވާފައިވާކަން ރައީސްގެ ހިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެ ޖިހާދުން އިބުރަތް ލިބިގެން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް މި ސަރުކާރުން ހޯދައިދެއްވާނެ ކަމަށާއި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަމިއްލަ ބިމުގެ ބާރުވެރިކަން އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެންނަ ކަމަށާއި އޭގެ މިސާލަކީ ފަލަސްތީނު ކަމަށާއި އެފަދަ ދުވަހެއް ދެކެން ނޭދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ހިޠާބު ނިންމަވާލައްވަމުން ވަނީ ޤައުމަށް ތެދުވެރިވެ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!