ޚަބަރު

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ މިއަދު

އަލީ ސަމާޙް ، ދެން އޮންލައިން
ފަތުރުވެރިންތަކެއް ވީއައިއޭ އެއާޕޯޓުގައި/ ފޮޓޯ: ދެން

ކޮވިޑް-19 އަށް ފަހު އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އާ ރެކޯޑެއް ގާއިމްކުރެވިގެން ދިޔަ ދުވަހެއް ކަމަށެވެ.

''އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް'' އެ ކާމިޔާބީއަށްޓަކައި މިނިސްޓަރު ފައިސަލް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކަކަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހުގެ ގޮތުގައި ރެކޯޑު ކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހު 8،900 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް 243،918 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %14 އިތުރު އަދަދެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 213،913 ފަތުރުވެރިންނެވެ.

އެވްރެޖުކޮށް ދުވާލަކު 6،398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް  އިޓަލީންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެއަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!