ޚަބަރު

ކުރީ ސަރުކާރުން މަހުގެ އަގުބޮޑުކުރީ ސިޔާސީ ބޭނުމެއްގައި، ފައިސާއެއް ނުދޭ: ޝިޔާމް

އަލީ ސަމާޙް ، ދެން އޮންލައިން
މަޖިލީހުގައި މިނިސްޓަރު ޝިޔާމް/ ފޮޓޯ: މަޖިލީސް

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިފްކޯއަށް މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރި ސިޔާސީ ބޭނުމެއްގައި ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް އެހެން ވިދާޅުވީ މިއަދު މަޖިލީހުގައި ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުޤޫބް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މަސް ގަންނަ އަގު 25 ރުފިޔާއިން 20 ރުފިޔާއަށް ބަދަލުކުރިކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން، ވެރިކަމުގެ ފަހުކޮޅު މިފްކޯއަށް ގަންނަމުން ދިޔަ މަސް 17 ރުފިޔާ އިން 25 ރުފިޔާއަށް ބަދަލުކުރީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ކަމަށެވެ.

''މި ބަދަލު ގެނައި 16 ސެޕްޓެމްބަރު 2023 ވަނަ ދުވަހު. އެއީ ސީދާ ސިޔާސީ ބޭނުމެއްގައި އެއްވެސް ދިރާސާއެއް އެއްވެސް ނިޔަތެއް އޮވެގެން ގެނެވުނު ބަދަލެއް ކަމަށް އޭރުވެސް މިހާރުވެސް ނުދެކެން'' މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު 20 ރުފިޔާއަށްވުރެ ދަށްނުކުރައްވާނެކަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންފައެވެ. ޝިޔާމް ވިދާޅުވީ ރައީސް އެހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ބައްލަވައި އަދި ރާއްޖޭގެ މަސް ގަންނަ ފެކްޓްރީ މިފްކޯގެ ހިންގުމަށް ހަރުދަނާ ބަދަލެއް ގެނައުމުގެ ވިސްނުންފުޅު ގެންގުޅުއްވާތީ ކަމަށެވެ.

އޭރު މަހުގެ އަގު ރާއްޖެއިން މަސް ބޭރުކުރާ ބާޒާރުގެ މަހުގެ އަގު ހުރީ ގާތްގަނޑަކަށް 1430 ޑޮލަރަށް ޓަނެއް. އެއީ 22 ރުފިޔާ 40 ލާރިއަށް ކިލޯއެއް. 17 އަށް ގަންނަމުން އައި މަސް، 25 ރުފިޔާއަށް ބަދަލުކުރި ކުރުން ވެގެންދިޔައީ ގާތްގަނޑަކަށް މިފްކޯގެ ހަރަދު ނުލައި ދެ ރުފިޔާ 60 ލާރީގެ ގެއްލުމުން

ޝިޔާމް ވިދާޅުވީ އެވަރުގެ ބޮޑު ސަބްސިޑީއެއް މަސްގަތުމަށްޓަކައި ހޭދަކުރާނަމަ ދައުލަތަށް ވަރަށް ބޮޑު ބުރަޔަކަށް ވާނެ ކަަމަށެވެ. މި އަހަރު އެ އަގުގައި  މަސް ގަންނަ ކަމަށްވާނަމަ 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުން ހޭދަކުރަން ޖެހޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ އޮތް ނަމަވެސް 25 ރުފިޔާ އަށް މަހުގެ އަގުބޮޑުކުރުމުން 500 މިލިއަން ރުފިޔާއަށް ހޭދަކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ބަދަލުކުރެވުނު ފަހުން  މަސްވެރިންނަށް  އެއްވެސް ވަރަކަށް ފައިސާ ދީފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ފައިސާ ދީފައިވާ ކަމަށް ވިދާޅުވިއެވެ. މިހާރު ނުދެވި އޮތީ 270 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!