ރިޕޯޓް

‎ޚިޔާލު ތަފާތުވުމަކީ ރަހުމަތްތެރިކަމަށް އަސަރު ކުރަން ޖެހޭ ކަމެއް ނޫނެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރަހުމަތްތެރިންނަކީ ދިރިއުޅުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއްކަން ގައިމެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ކުރިމަތިވާ ހިތާމަތައް ހިއްސާ ކުރާ ބަޔަކީ އެރަހުމަތްތެރިންނެވެ. ދިރިއުޅުމުގައި ދިމާވާ އެންމެހާ ދަތިތަކުގައި ވާގިވެރިވާ ބަޔަކީ އެ ރަހުމަތްތެރިންނެވެ. އެ ރަހުމަތްތެރިންނާއި ނުލާ ދިރިއުޅުން ފުރިހަމަނުވާނެކަން ގައިމެވެ.

Ads by Sosun Fihaara

އަޅުގަނޑުމެން އެންމެންނަކީވެސް އަމިއްލަ ވިސްނުމާއި އަމިއްލަ ގޮތްތަކެއް ގެންގުޅޭނޭ ބައެއް ކަން ގައިމެވެ. އަޅުގަނޑުމެން އެންމެންގެ ހިޔާލަކީވެސް ތަފާތުހިޔާލެއް ކަން ޔަގީނެވެ. އެކި މީހުން ގެންގުޅޭނީ އެކި ގަބޫލުކުރުން ތަކެވެ. އެކި މީހުން ކަންކަމާމެދު ދެކޭނީ އެކި ގޮތްގޮތަށެވެ. އަދި ހަމަ އެހެންމެ އެންމެންގެ މިޒާޖަކީ ވެސް އެއްގޮތް އެއްޗެއް ނޫނެވެ. އެކި މީހުންގެ މިޖާޒަކީ ތަފާތު އެއްޗެކެވެ. އަދި އެއީ  ވަގުތާއި ހާލަތާއި ގުޅޭ ގޮތުން ބަދަލުވާ އެއްޗެކެވެ.

ރަހުމަތްތެރިން އެކުގައި އުޅޭއިރު ހިޔާލު ތަފާތުވާ ފަހަރުވެސް އަންނާނެއެވެ. އެކި ކަންކަމާ ދެބަސްވެ ބަހުސްތައް ވެސް ކުރާނެއެވެ. އަދި ހަމަ އެހެންމެ އެބަހުސްތައް ހޫނުވެ ޒުވާބު ކުރާ ހިސާބަށް ވެސް ގޮސްދާނެއެވެ. ނަމަވެސް އެކަންކަމަކީ ރަހުމަތްތެރިކަމަށް އަސަރު ކުރަން ޖެހޭވަރުގެ ކަމެއްތޯ ވިސްނާލަން އެބަޖެހެއެވެ. ދެބަސްވާ ކޮންމެ ފަހަރަކު ދެމީހުން އެކަކު އަނެކަކާ މޫނު ކެނޑެން ޖެހޭތޯ އަމިއްލަ ނަފްސާ ސުވާލު ކުރަން އެބަ ޖެހެއެވެ. ދެމީހުން އެކަކުއަނެކަކު ދެކެ ރުޅިއައިސް ވާހަކަ ނުދައްކާ ތިބުމަކީ އެންމެ ރަނގަޅު ގޮތްތޯ ވެސް ވިސްނާލަން އެބަ ޖެހެއެވެ.

އެންމެންގެ ހިޔާލެއް އެއްގޮތެއް ނުވާނެއެވެ. އެންމެންގެ ވިސްނުމެއްވެސް އެއްގޮތެއް ނުވާނެއެވެ. އެއީ އިންސާނާގެ ތަބީއަތެވެ. އެކި އިންސާނުންގެ ވިސްނުން ތަފާތުވާނެ ކަން ގައިމެވެ. ނަމަވެސް ދެ ރަހުމަތްތެރިން ހިޔާލު ތަފާތުވެ ކޮށްލާ ބަހުސްއެއްގެ ސަބަބުން ރަހުމަތްތެރިކަމަށް އަސަރު ކުރާކަށް ނުޖެހޭނެއެވެ. ރަހުމަތްތެރިކަމުގެ ގުޅުމަކީ އެއަށްވުރެ މާ މަތިވެރި އެއްޗެކެވެ. ހަގީގީ ރަހުމަތްތެރިންނަކީ އަނެކާ ދެކޭ ގޮތަށް އަދި އަނެކާގެ ނިންމުމަށް އިހްތިރާމްކުރާ މީހުންނެވެ.

ރަހުމަތްތެރިން ތިބާ ހިތްހަމަނުޖެހޭ ކަމެއް ކޮށްފާނެއެވެ. އަދި ހިތްހަމަ ނުޖެހޭ ވާހަކަ އެއްވެސް  ދައްކަފާނެއެވެ. ރާއްޖޭގައި މިއަދުގެ ހާލަތަށް ބަލާއިރު އެންމެ ގާތްރަހުމަތްތެރިންނަކީ ސިޔާސީގޮތުން ދެ ޕާޓީއެއްގެ ދެ ފިކުރެއްގެ މީހުންނަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ދެމީހުންގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަން ކަނޑާލާ ދެމީހުން އެކަކު އަނެކަކާ ދިމާއަށް އެއްޗެހި ކިޔަން ޖެހޭ ސަބަބެއް ނޫނެވެ. ދެ ރަހުމަތްތެރިން ކުޅިވަރެއްގައި ދެ ޓީމަކަށް ސަޕޯޓުކުރުމަކީ ވެސް ބައެއް ފަހަރަށް ހިޔާލު ތަފާތުވާ ކަމެކެވެ. ނަމަވެސް އެއީ ރަހުމަތްތެރިކަމަށް އަސަރު ކުރަން ޖެހޭ ކަމެއް ނޫނެވެ.

ރަހުމަތްތެރިންނަކީ ދިރިއުޅުމުގައި އެހާ މުހިއްމު ބަޔަކަށް ވާއިރު މިހެން ޖެހޭ ކުދިކުދި މައްސަލަތަކާއިހުރެ އެކަކު އަނެކަކާ ގުޅުން ކަނޑާލުމަކީ ވަރަށް ދެރަކަމެކެވެ. ހިޔާލުތަފާތުވާ ކޮންމެ ފަހަރަކު ރަހުމަތްތެރިކަމަށް އަސަރު ކޮށްގެން ނުވާނެކަމަށް ގަބޫލު ކުރަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!