ޚަބަރު

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އަވަސްކުރަން އިތުރު ފަސް ފޯކްލިފްޓް ގެނެސްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލޭގެ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އަވަސް ކުރުމަށް އިތުރު ފަސް ފޯކްލިފްޓް ގެނެސްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނީ މި އަހަރުގެ ރަމަޟާންމަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ފަސް ފޯކްލިފްޓް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެކެވެ. ވަކިން ހާއްސަކޮށް ޕެރިޝަބަލްސް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއެވެ.

އެމްޕީއެލުން ބުނީ އެހެން ކަމުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ދުރާލާ ރޯދަމަހަށް ތައްޔާރުވާ ކަމަށެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއާކޮށް، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރޯދަ މަހަކު ވެސް އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެންނަ ކަމަށެވެ.

މިގޮތުން މި އަހަރުގެ ރޯދަ މަހު މުދާ ކްލިއާކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެމްޕީއެލް އިން މިހާރު ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އާ ފަސް ފޯކް ލިފްޓް އިތުރުކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އަދި މިއީ “ހެލި” ބްރޭންޑްގެ 3.5 ޓަނުގެ ފަސް ފޯކް ލިފްޓް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން އެމްޕީއެލުން ބުނީ ރޯދަ މަހު މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް އިތުރު މަސައްކަތަކެއް މިހާރު ވެސް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އެގޮތުން ރޯދަމަހުގެ ތައްޔާރީތަކާ ބެހޭ އިތުުރު ތަފްސީލުތައް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!