ޚަބަރު

ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދުދީދީ އަށް މަޖިލީހުން ރުހުން ދީފި

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ޢާއިޝަތު މުޙައްމަދުދީދީއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޖެންޑަރ މިނިސްޓަރުގެ މަޤާމަށް ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އައްޔަން ކުރައްވާފައިވާ ޢާއިޝަތު މުޙައްމަދުދީދީއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ނިންމާފައިވަނީ މާރޗް މަހުގެ 4 ވަނަ ދުވަހުއެވެ. އެކަމަނާއަށް ރުހުން ދެއްވުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓްގައި ރުހުން އޮތްކަމަށް 68 މެމްބަރުންވަނީ ވޯޓް ދެއްވާފައެވެ.

ޢާއިޝަތު މުޙައްމަދުދީދީ ޖެންޑަރ މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

އެކަމަނާ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމު ފުރުއްވާފައެވެ. އަދި އިޖްތިމާޢީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

ޢާއިޝަތު މުޙައްމަދުދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓަރ އޮފް އަރޓްސް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެކަމަނާ ވަނީ ލުބުނާނުން ބެޗްލަރ އޮފް އަރޓްސް އާއި ޑިޕްލޮމާއިން ޓީޗިންގެ ވެސް ޙާޞިލުކުރައްވާފައެވެ.

ޖެންޑަރ މިނިސްޓަރުކަމަށް އައިޝަތު މުޙައްމަދު ދީދީ ޢައްޔަންކުރައްވާފައިމިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!