ކޮވިޑް-19: ފައްސިވި 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތްވަނީ އިޓަލީއަށް
ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 13 މީހުންގެ ތެރެއިން ނުވަ މީހުން ނިސްބަތްވަނީ އިޓަލީ އަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އާދައިގެމަތިން މިއަދު ވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހަށް ފައްސިވި މީހުންގެ މައުލޫމާތު ހާމަނުކުރަން މީގެ ކުރިން ނިންމި ނަމަވެސް އެ މީހުންގެ ގައުމާއި ޖިންސު ހާމަކުރުމަކީ އެ މީހާގެއައިޑެންޓިޓީ ހާމަކުރުމެއް ނޫން ކަމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 13 މީހަކު ފައްސިވެފައިވާއިރު، މި 13 މީހުގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނަކާއި ހަތް އަންހެނުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ އިޓަލީ ނުވަ މީހަކާއި ތުރުކީ މީހަކާއި، ސައުތުކޮރެއާ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން އިގިރޭސިވިލާތުގެ މީހެއްކަމަށް ވެސް މަބްރޫކް މިއަދު ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ރައްޖޭގައިތިބި އެކި ޤައުމުތަކުގެ ފަތުރުވެރިން އެމީހުންގެ ޤައުމުތަކަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި އެގޮތުން ރާއްޖޭގައި މިހާރު ތިބި މީހުންގެތެރެއިން އިޓަލީގެ ފަތުރުވެރިން ގެންދިއުމަށް އަލިޓާލިއާ އެއާލައިންގެ ފަލްއިޓެއް އައިސްފައިވާކަމަށެވެ.
މިފްލައިޓްގައި އިޓަލީގެ 200 އަށްވުރެ ގިނަ ފަތުރުވެރިން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.