ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަކި ޕާޓީއަކަށް ނުބަލާނެ ކަމަށް
ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެ ރައްޔިތަކު ނިސްބަތްވަނީ ކޮން ޕާޓީއަކަށްތޯ ނުބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމަށް މިރޭ ބޭއްވި އަހާ ފޯރަމްގެ ތެރެއިން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓުތަކަށް ކުރިމަތިލީ މީހަކު ސުވާލުކުރަމުން ބުނީ އޭރު 92 ޕޮއިންޓު ލިބުނުނަމަވެސް އޭރު އެހެން ޕާޓީއެއް ވުމުން ނުލިބުނު ކަމަށެވެ.
"މިހާރު އަޅުގަނޑު މިއީ [ރައީސް] މުއިއްޒު ޕާޓީ ވީމަ މިފަހަރު އަޅުގަނޑަށް އިންނާނެ 88 ލިބިފައި. އަޅުގަނޑު އެގްރީމެންޓުގައި ސޮއިކޮށްފައި, އަޅުގަނޑަށް ހުރިހާ ލިޔުމަކާ އެއްޗެހި ލިބިފައި. އެކަމަކު އަޅުގަނޑަކަށް ހަބަރެއް ދަބަރެއް ނެތް ފްލެޓުގެ," ވީޑިއޯ މެދުވެރިކޮށް ފޮނުވި ސުވާލުގައި އޭނާ ބުނެފައިވެއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ, ކަންކަން ކޮށްދިނުމުގައި ޕާޓީއަށް ބެލުމުގެ އުސޫލު އެމަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ.
"ޕީއެންސީއަށް ނިސްބަތް ވާކަށް ނުޖެހޭނެ. ޕީޕީއެމަށް ނިސްބަތް ވާކަށް ނުޖެހޭނެ, ރައްޔިތުންނަށް ހިދުމަތް ކުރުމުގައެއް," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިފުޅުމަތީގައި ދިވެހި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް ކަމަށާއި އެއްވެސް ޕާޓީއެއްގައި އުޅުން އަދި ނޫޅުމަކީ ވެސް މުހިންމު ކަމެއް ނޫން ކަމަށެވެ.
ފްލެޓު މައްސަލައިގައި ރައީސް ވިދާޅުވީ, އެގްރީމެންޓެއްގައި ސޮއިކޮށްފައިވާނަމަ ސަރުކާރާއެކު އެ ވެވިފައި އޮތް އެއްބަސްވުމަށް ނުވަތަ އެކަމަކަށް ޒިންމާ ވާނެ ކަމަށާއި އެފަދަ ކޮންމެ މައްސަލައެއްގެ ހައްލު ހޯދައިދެއްވާނެ ކަަމަށެވެ.