ޚަބަރު ސަރުކާރު ސިޔާސީ

ނޮޅިވަރަންފަރުގައި ފީފާއިން ޤަބޫލުކުރާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރާނަން: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހދ. ނޮޅިވަރަންފަރުގައި ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން ޤަބޫލުކުރާ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނޮޅިވަރަންފަރުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީވެގެންދާއިރު ފީފާ އިން ޤަބޫލުކުރާ ފެންވަރުގެ ދަނޑަކަށް އެތަން ވެގެންދާނެ ކަމަށެވެ.

ހަމަ އެހެންމެ އަންނަ އަހަރު ނޮޅިވަރަންފަރުގައި އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ވެސް ކުޅެވޭނެހެން ތަރައްޤީކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަޝްރޫޢު ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެ މަނިކުފާނުގެ ސަރުކާރުން މިދިޔަ ތިން މަސްދުވަހު މަސައްކަތް ކުރެއްވީ ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ ފުން އަނދަވަޅުން ނެގުމަށް ކަމަށް ވިދާޅުވިއެވެ.

އަދި އުސޫލެއްގެ ގޮތުން ހިނގަމުން އަންނަ މަޝްރޫޢުތަކަށް ބަޖެޓު ފާސްކުރާއިރު ފައިސާ ހިމަނާކަމުގައިވީ ނަމަވެސް ކުރީ ސަރުކާރުން ހިނގަމުންދާ ބައެއް މަޝްރޫޢުތައް ފެށުމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސަކަށް ހުންނަވާ ބޭފުޅަކު ވަޒީރުން އައްޔަން ކުރެއްވުމުން ރުހުން ދޭން ޖެހޭ ކަމަށް ވިދާޅުވެ "ބޭރުގެ ކޮންމެވެސް ބަޔަކު" މަޖިލިހުގެ މެމްބަރުންގެ މައްޗަށް ބާރު ހިންގައި ތިން ވަޒީރުންނަށް ރުހުން ނުދޭން މަޖުބޫރުކުރި ކަމަށް ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!