އޯއައިސީގެ ޖަލްސާއަށް ޑރ. ޝަހީމް ސަޢުދީ އަރަބިއްޔާއަށް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދިއަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޖިއްދާގައި މިމަހުގެ 4 އިން 5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ޣައްޒާއާއި ރަފާހުގައި އިސްރާއީލުގެ އަސްކަރީ އަމަލުތައް ކުށްވެރިކޮށް ޖޮއިންޓް އަރަބް އިސްލާމިކް ސަމިޓުގެ ގަރާރުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
ފަލަޞްޠީނުގެ މައްސަލައިގައި ރާއްޖެއިން ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު ފަލަސްޠީނުގެ މައްސަލައަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މައްސަލައެކެވެ.