އެޗްޑީސީގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅަނީ
މިދިޔަ ސަރުކާރުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި ނާޖާއިޒު ގޮތުގައި ހިންގާފައިވާ ކަންކަމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޗްޑީސީގެ އެމްޑީއާ މަގާމުވުމާއި ހަމަޔަށް ފެލިދޫ ދާއިރާގެ މެމްބަރަކުން ކުރެއްވި ފަޒުލް ފެލިދޫގައި ވިދާޅުވީ މި ސަރުކާރުން އެޗްޑީސީއާ ހަވާލުވިއިރު ކުންފުނީގެ ދަރަނި އޮތީ 10 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި 800 މިލިއަނެއްހާ ރުފިޔާ ކުންފުންޏަށް ލިބެން ޖެހޭ ކަމަށާއި ނަމަވެސް ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ އޮޑިޓް ރިޕޯޓްތައް ހަދަމުންއެބަދެއެވެ. އަދި އެ ރިޕޯޓުތައް ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ފަންސާހަކަށް ބިން ނުހައްގުން ދޫކޮށްފައިވާކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނުހައްގުން ބިން ދޫކުރީ ކޮން ބައެއްތޯ ބަލައި، އެ މީހުންގެ މައުލޫމާތު އާންމު ކުރައްވާނެ ކަމުގައެވެ.
ތިލަފުށީގައި 35 ބިން ހައްގު ނޫން ފަރާތްތަކަށް ވަގުތީ ބޭނުމަށް ދީފައިވާކަމަށް ވެސް ރޭގެ ޖަލްސާގައި ފަޒުލް ވަނީ ތުހުމަތުކޮށްފައެވެ.