ދުނިޔެ

ސެމީކޮންޑަކްޓަރ ހަބަކަށް އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ވަނީ އާ ސެމިކޮންޑަކްޓަރު އުފައްދާ ތިން ފެސިލިޓީއަކަށް ހުށަހަޅަން ފާސްކޮށްފަ އެވެ. މިއީ މި ކްރިޓިކަލް ކޮމްޕޯނެންޓްތައް ހެދުމަށް ޑޮމެސްޓިކް އިންޑަސްޓްރީއެއް އުފެއްދުމުގެ ބޮޑު ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ތިން ފެސިލިޓީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް، ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވެ އެވެ.

Ads by Sosun Fihaara

މީގެ ކުރިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ވަނީ ސެމިކޮންޑަކްޓަރުތަކާއި ޑިސްޕްލޭ އުފެއްދުމަށް ޑޮމެސްޓިކް އިކޯސިސްޓަމެއް ތަރައްގީ ކުރުމުގެ ޕްރޮގްރާމެއް ކަމަށްވާ އިންޑިއާ ސެމިކޮންޑަކްޓާ މިޝަން ފަށައިފަ އެވެ. މި އިނީޝިއޭޓިވްގެ އަމާޒަކީ 76،000 ކްރޯޑް ރުޕީސްގެ ބަޖެޓަކާއެކު އިންޑިއާ އަކީ މި ދާއިރާއިން ބޮޑު ކުޅުންތެރިއަކަށް ހެދުމެވެ. ގުޖުރާތުގެ ސަނަންދުގައި ސެމިކޮންޑަކްޓަރ ފެސިލިޓީއެއް އެޅުމަށް މައިކްރޯން އިން ހުށަހެޅި ހުށަހެޅުމަށް ސަރުކާރުން ރުހުން ދީފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ފެސިލިޓީގެ މަސައްކަތް ކުރިއަށްދާއިރު، މިކަމުގެ ސަބަބުން ވަށައިގެންވާ ސަރަޙައްދުގައި ވަރުގަދަ ސެމިކޮންޑަކްޓަރ އިކޯސިސްޓަމެއް އުފެދިގެންދާނެކަމަށް ބެލެވެއެވެ.

ޓާޓާ އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑް (ޓީއީޕީއެލް) އާއި ޓައިވާނުގެ ޕަވާޗިޕް ސެމިކޮންޑަކްޓާ މެނުފެކްޗަރިން ކޯޕަރޭޝަން (ޕީއެސްއެމްސީ) ގުޅިގެން އިންޑިއާގެ ގުޖުރާތުގެ ދޮލޭރާގައި ސެމިކޮންޑަކްޓާ ފެބްރިކޭޝަން ފެސިލިޓީ (ފެބް) އެއް އެޅުމަށް ނިންމައިފި އެވެ. މި ފެބްގައި މަހަކު 50،000 ވެފަރސް ސްޓާޓްސް (ޑަބްލިއުއެސްޕީއެމް) އުފެއްދުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި ހައި ޕާފޯމަންސް ކޮމްޕިއުޓިން، އިލެކްޓްރިކް ވެހިކަލް އަދި ކޮންސިއުމާ އިލެކްޓްރޯނިކްސް ފަދަ އެކި ދާއިރާތަކަށް ބޭނުންވާ ޗިޕްތައް އުފެއްދުމަށް އަލިއަޅުވާލާނެ ކަމަށެވެ. މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓަކީ 91،000 ކްރޯޑް ރުޕީސް އެވެ. ޕީ.އެސް.އެމް.ސީ އަކީ ޗިޕް އުފެއްދުމުގެ ދާއިރާއިން އެކުންފުނީގެ ތަޖުރިބާ މޭޒުދޮށަށް ގެނެސްދޭނެ ކުންފުންޏަކަށް ވާއިރު، ޓީއީޕީއެލް އިން އިންޑިއާގެ މާކެޓުގައި އެކުންފުނީގެ ބައިވެރިވުން ބޭނުންކުރެއެވެ.

ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ކަމަށްވާ ޓާޓާ ސެމިކޮންޑަކްޓާ އެސެމްބްލީ އެންޑް ޓެސްޓް އިން އިންޑިއާގެ އާސާމްގެ މޮރީގައޯންގައި އާ ސެމިކޮންޑަކްޓާ ފެސިލިޓީއެއް އެޅުމަށް ނިންމައިފި އެވެ. މި މަޝްރޫއަށް 27،000 ކްރޯޑް ރުޕީސް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ފްލިޕް ޗިޕާއި އައިއެސްއައިޕީ (އިންޓަގްރޭޓެޑް ސިސްޓަމް އިން ޕެކޭޖް) ފަދަ އަމިއްލަ އެޑްވާންސް ޕެކޭޖިން ޓެކްނޮލޮޖީތައް އެ ކުންފުނިން އަންނަނީ ތަރައްގީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ މި ސަރަޙައްދުގައި ސެމިކޮންޑަކްޓަރ އުފެއްދުމަށް ފުރިހަމަ އިކޯސިސްޓަމެއް ޤާއިމުކުރުމެވެ. މި ފެސިލިޓީ ހިންގަން ފެށުމުން ދުވާލެއްގެ މައްޗަށް 48 މިލިއަން ޔުނިޓް އުފެއްދުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި އޮޓޯމޯޓިވް، އިލެކްޓްރިކް ވެހިކަލް، ކޮންސިއުމާ އިލެކްޓްރޯނިކްސް، ޓެލެކޮމް އަދި މޯބައިލް ފޯން ފަދަ އެކި ދާއިރާތަކަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް 27،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ބެލެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!