ކޮވިޑް 19: ސްޕެއިންގެ ޒުވާން ކޯޗެއް މަރުވެއްޖެ
ސްޕެއިންގެ މަލަގާ އަށް ނިސްބަތްވާ ކްލަބެއް ކަމަށްވާ އެޓްލެޓިކޯ ޕޯޓަޑާ އަލްޓާގެ ޒުވާން ޓީމުގެ ކޯޗް ، އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ގައިން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނުމާއެކު ވަގުތުން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އަދި ޑޮކްޓަރުން ހެދި ޓެސްޓުތަކުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވިއިރު، އޭނާ އަށް ހުރީ ލޭގެ ކެންސަރު ވެސް ޖެހިފައެވެ. އޭނާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ "ޑެއިލީ މެއިލް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ އަށް ކެންސަރު ކުރިން ޖެހިފައި ނުވިނަމަ ސަލާމަތް ކުރެވުނީހެވެ.
ކޯޗް ގާސިއާ އަކީ މަލާގާއިން ކޮރޯނާ ވައިރަސް ޖެހިގެން މަރުވި 5 ވަނަ މީހާއެވެ. ސްޕެއިންގެ ނޫހެއް ކަމަށްވާ "އެލް މުންޑޯ" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިން އޭނާއަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމެއް ނޭނގެއެވެ.
އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ވަނީ ގިނަ ޓެސްޓްތަކެއް ހަދާފައެވެ. ހަފްތާއެއްހދުވަހު ބައްޔާއި ހަނގުރާމަ ކުރުމަށް ފަހު ގާސިއާ މަރުވީ އިއްޔެއެވެ. އޭނާ ކޯޗް ކަން ކުރި ފުޓްބޯޅަ ޓީމުން އިއްޔެ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
ކޮރޯނާ ވައިރަސް ސްޕެއިންގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ ހަފްތާ އެގައުމުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. ސްޕެއިންގައި މިހާތަނަށް 8000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު، 297 މީހުން ވަނީ މަރުވެފައެވެ.