ޚަބަރު

އިއްޔެ އެކަނިވެސް މާލެއިން 59 ޓަނުގެ ކުނި ނަގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ ގޭބީސީތަކުން އުފެދޭ ކުނި މަގުމައްޗަށް އުކާލުމުގެ ސަބަބުން މާލެ ގޮނޑުވުން ހުއްޓުވުމަށްޓަކައި ސިޓީ ކައުންސިލުން އިއްޔެ ކުރި މަސައްކަތުން 59 ޓަނަށް ވުރެ ގިނަ ޓަނުގެ ކުނި ނަގައިފިއެވެ.

Ads by Hajj Corporation

ސިޓީ ކައުންސިލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޯދަައަށް ގެ ސާފުކޮށް މަގުތަކަށް ނެރުނު ކުނީގެ އަދަދު ގިނަވުމުގެ ސަބަބުން މުޅި މާލޭ ކުނިން ފުރިފައިވާތީ އެ އެކަން ހައްލުކުރުމަށް 51 ޕިކަޕުގެ ކުނި ނަގާފައިވާ ކަމަށެވެ.

  • 1.5 ޓަނުގެ 16 ޕިކަޕު
  • 3 ޓަނުގެ ހަތް ޕިކަޕު
  • 3.5 ޓަނުގެ ޕިކަޕެއް
  • 2 ޓަނުގެ ޕިކަޕެއް
  • 350 ޓަނުގެ 26 ޕިކަޕު

އިއްޔެ މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކުރިއަށް އޮތް ދެެތިން ހަތަރު މަސްދުވަސް ތެރޭގައި މާލޭން ކުނި ނެގުމުގެ އިންތިޒާމު ހަމަޖައްސައި އެ މައްސަލައަށް ހައްލެއް އަންނަ މަންޒަރު ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މޭޔަރު ވިދާޅުވީ އެކަން ކާމިޔާބު ކަމާއެކު ކުރެވޭނީ ރައްޔިތުން މާލެއަށް ކުނިބުނި އެޅުން ހުއްޓާލައިގެން ކަމަށެވެ.

ކުނި އުކާލުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ތިން ދުވަހަށް ހިލޭ ކުނި އުކާލެވޭ އިންތިޒާމު ވެމްކޯ އިން ވަނީ ހަމަޖައްސާފައެވެ. އެ ކޯޕަރޭޝަނުން ބުނީ، ހިލޭ ކުނި އުކާލަދޭނީ މި މަހުގެ 13 ވަނަ ދުވަހުގެ 23:59 އާ ހަމަޔަށެވެ. އެ މުއްދަތުގެ ތެރޭގައި އާއްމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖުވެސް ދައްކަން ނުޖެހޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ނަމަވެސް އެ މުއްދަތު ތެރޭގައި ޓްރާންސާ ސްޓޭޝަންތަކަށް ވިޔަފާރިތަކުން ކުނި އުކާނީ ހަމަ މިހާރެކޭވެސް އެއްފަދައިން ގެނެވޭ ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ މަގުން ފީ ދެއްކުމަށް ފަހު ކަމަށެވެ. ސަރުކާރުގެ މުއައްސިސާތަކުންނާއި ވިޔަފާރި އުސޫލުން ގަވާއިދުން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މިހާރުވެސް އެއްފަދައިން ކިލޯއަކަށް 2.66 ރުފިޔާ ދައްކަން ޖެހޭނެއެވެ. އެ ވެހިކަލްތަކުން އެންޓްރީގެ ފީގެ ގޮތުގައި ކޮންމެ ފަހަރަކު 150 ރުފިޔާ ދައްކަންޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!