ޚަބަރު

މަޖިލިސް ބާއްވަން ޖެހޭ ބޭނުމެއް މިވަގުތު ނެތް: އަލީ ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު މިދަނޑިވަޅުގައި ރައްޔިތުން މަޖިލިސް ބާއްވަންޖެހޭ ޒަރޫރަތެއް ނެތް ކަމުގައި ކެންދޫ ދާއިރާ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢަލީ އިޖުތިމާޢީ ދުރުހެލިކަމެއް ތަންފީޒުކުރުމަށް މިދުވަސްވަރު ޞިއްޙީ މާހިރުން ލަފާދެއްވަމުންދާއިރު، މަޖިލިހުގެ ޖަލްސާތައް ބާއްވައި، މަޖިލިހަށް މީހުން ޙާޒިރުކޮށް، ކޮމިޓީ ބައްދަލުވުންތައް ބާއްވަންވީ އެއްވެސް ސަބަބެއް އޭނާއަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލު ހާލަތު އިއުލާނު ކޮށްފައެވެ. އެހެންކަމުން ގިނަ މީހުން ބައިވެރިވެގެން ބާއްވާ އެއްވުންތަކާއި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!