ޚަބަރު

ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނީ ސަރުކާރަށް: އެމްޑީޕީ

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީ ސަރުކާރުގައި ކައުންސިލުތަކަށް ހާއްސަކޮށްގެން ބޭއްވި ''ވިއަވަތި'' މަހާސިންތާގެ ތެރެއިން

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރާ ބޮޑުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ސަރުކާރަށް ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން މިރޭ ބުނެފިއެވެ.

Ads by Hajj Corporation

އެ ޕާޓީން އެހެން ބުނެފައިވަނީ ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަ ކަމަށާއި، އެ މައްސަލަ ހައްލުކުރެވޭނީ މަޖިލީހަށް ކަމަށް ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދުދެމުންނެވެ.

"އެކަމަށް މިހާރުން މިހާރަށް ވެސް ހައްލެއް ގެނެވޭނީ މަޖިލިސް ތެރެއިން. މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރެވިގެން އެކަމަށް ހައްލެއް ލިބޭނީ،" ރައީސް އޮފީހުން ކުރިއަށް ގެންދާ އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ގެ އިއްޔެގެ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވިއެވެ.

''އެއީ ހަމަ ކަނޑައެޅިގެން ހެއްދެވި ބުހުތާނު ދޮގެއް، ރައްޔިތުންގެ މަޖިލީހުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކައުންސިލުތަކުގެ ސިވިލް ސާވީސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި އިދާރީ ގޮތުން ކުރައްވަން ޖެހޭ ކަންތައް ކުރެއްވުމަކީ'' އެމްޑީޕީން ބޭއްވި ޕްރެސްކޮންފަރެންސްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ 127 ވަނަ މާއްދާގެ ހ އާއި 128 ވަނަ މާއްދާއަށް ރިޔާއަތް ކުރަމުން އީސަ ވިދާޅުވީ އެ މާއްދާތަކުގައި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަކީ ކޮބައިކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުންކުރާ ކަމަކީ ކައުންސިލަރުންގެ މުސާރަތަކަށް ބަދަލުގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލު ގެނައުމަކީ މަޖިލީހުން ކުރާ ކަމެއް، ރައްޔިތުންގެ މަޖިލީހުން އޮތީ އެކަން ކުރަމުން ގެންގޮސްފައި ވަރަށް ފުރިހަމައަށް އެކަން ކުރަމުން ގޮސްފައި އޮތީ

އީސަ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ބަދަލުވިއިރު ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކޮށް ނިންމާފައި ކަމަށާއި އިދާރީ ގޮތުން ކުރެވުނު މަސައްކަތާއި ޕޭ ކޮމިޝަނާ ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެ މުސާރަތަކަށް ބަދަލުގެނައުމަށް ބަޖެޓުގައި ހިމަނަން ޖެހޭ ފައިސާ މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. ދައުލަތުގެ އިދާރާތަކުގެ މުސާރާ އެއްހަމަ ކުރުމަށް، ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ އޮނިގަޑަށް ބޭނުންވާ 500 މިލިއަން ރުފިޔާ ހަމަޖައްސާފައިވެއެވެ.

''ރައްޔިތުންނަށް އޮޅުވާލުން ދޫކޮށްލައްވާ، ރައްޔިތުން މަޖިލީހުން 2023 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމާނާފައިވާ ގޮތަށް، ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިދާރީ މުވައްޒަފުންގެ މުސާރާގެ ކަންތައް ވީ އެންމެ އަވަހަށް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސް ދޭން އެދެން'' އީސަ، ރައީސް މުއިއްޒު ގާތު އެދިވަޑައިގަތެވެ.

އެމްޑީޕީން ބުނީ، ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ޕްރޮޖެކްޓް މުވައްޒަފުންގެ ގޮތުގައި އުޅޭ ވަރަށް ގިނަ މުވައްޒަފުންނަށް މުސާރާ އާއި އިނާޔަތް ނުލިބޭ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!