ޚަބަރު

ރައީސަށް ވެސް ސަރުކާރު ކެންޑިޑޭޓުން ނޭނގޭ ވަރަށް ގިނަ: އެމްޑީޕީ

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ތާއިދާ އެކު ނިކުންނަ ކެނޑިޑޭޓުންގެ އަދަދު ގިނަވެއްޖެ ކަމަށާއި، ސަރުކާރުގެ ކެންޑިޑޭޓަކީ ކޮބައިކަން ހުދު ރައީސް ޑރ މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާ ހިސާބަށް ގޮސްފި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރޭ ފާޑުކިޔައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީން އެހެން ބުނީ މަޖިލީސް އިންތިހާބަށް އެ ޕާޓީން ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ރޭ އެ ބޭއްވި ޕްރެސް ބްރީފިންގައި، ބައެއް ދާއިރާތަކުގައި ސަރުކާރު ކެންޑިޑޭޓުން ގިނަކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެމްޑީޕީން މަޖިލީސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ ސަރުކާރުގެ ފަސް ވަރަކަށް ކެންޑިޑޭޓުން އެބަތިބި ކަމަށާއި އެހެންވީމަ ސަރުކާރުގެ ކެނޑިޑޭޓަކީ ކޮބައިކަން ނޭގެ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

''ކިހިނެއް ޔަގީން ކުރެވޭނީ ސަރުކާރު ކެންޑިޑޭޓަކީ، ރައީސަށްވެސް ސަރުކާރު ކެންޑިޑޭޓު ވާކިވާހެނެއް ހީއެއްނުވޭ'' އީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރަނީ ސަރުކާރުގެ ނުފޫޒުގަދަ ތިން ފަރާތްތަކުގެ ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒުއާ ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲގެ ކެންޑިިޑޭޓުންގެ އިތުރަށް ސަރުކާރާ ފެއަށް ޖެހިވަޑައިގެން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

''ތި ސުވާލަށް އަޅުގަނޑަށް ހިއެއް ނުވެ މުއިއްޒުއަށްވެސް ޖަވާބެއް އެރުވޭނެހެން، ތިޔައީ ވަރަށް އުދަނގޫ ސުވާލެއް، ހިއެއް ނުވޭ ތީ މި އިންތިހާބުގައި އެއްވެސް މީހަކަށް ކުޅަދާނަ ކަމެއްހެން'' އީސަ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކުރި ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓަކަށް ސަރުކާރުން ތާއިދުކުރާ ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. ބައެއް ދާއިރާތަކުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް މުއިއްޒު ތާއިދު އޮތްކަމުގެ ޔަގީންކަން ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ދެއްވަމުންނެވެ.

ތިމަރަފުށީ ދާއިރާ، ގއ ވިލިގިލި، ކ.ހުރާ، ޅ. ކުރެންދޫ އަދި އއ. މަތިވެރި ދާއިރާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ނޫން އެހެެން ކެނޑިޑެޓުންނަށް ސަރުކާރުން ތާއިދު އޮތްކަން ދަނީ ހާމަކުރަމުންނެވެ. މަތިވެރި އާއި ކުރެންދޫ އިން ސަރުކާރު ތާއިދުކުރަނީ އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅުނު މެމްބަރުންނަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!