ޔޫއޭއީ އާއި އެކު ރާއްޖޭގެ ގައުމީ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ދެމެދު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
މި މެޗުތައް ކުޅުމަށް ނިންމާފައި މިވަނީ ނިމިދިޔަ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ޔޫއޭއީ އެފްއޭގެ ޗެއާރމަން ރަޝާދް ބިން ހުމައިދް އާއި ބައްސާމް ބައްދަލު ކުރެއްވުމަށް ފަހުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި އަދި ޔޫއޭއީގައި ވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ނިންމާފައި ވެއެވެ.
ރާއްޖޭގެ އަންހެން ގައުމީ ޓީމާއި ފިރިހެން ގައުމީ ޓީމުވެސް ޔޫއޭއީ އާއި އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ނިންމާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން އަދިވެސް ފިލައިގެން ނުދާތީ މި މެޗުތައް ކުޅުމަށް ވަކި ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް މި ފުރުސަތަކީ ރާއްޖޭގެ ގައުމީޓީމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ބައްސާމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޔޫއޭއީގެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅުމަކީ ދިވެހިޓީމު ޑިވަލޮޕް ވުމަށް އިތުރަށް އެހީތެރިވެދޭނެ ކަމެއް ކަމުގައި ބައްސާމް ވިދާޅުވިއެވެ.
ޔޫއޭއީ އެފްއޭގެ ޗެއާރމަން އާއި އެކު ބޭއްވި މި ބައްދަލުވުމުގައި އިތުރު ކަންކަމާ މެދު ވެސް މަޝްވަރާ ކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގެ ކޯޗުންނާއި ރެފްރީން އިތުރަށް ޑިވަލޮޕް ކުރުން ހިމެނެއެވެ.