އެސްޓީއޯގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯގެ ބޯޑުގައި މައި ހިއްސާދާރު ނުވަތަ ސަރުކާރުން އައްޔަންކުރާ ހަ ޑިރެކްޓަރުންނާއި، އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ އެއް ޑިރެކްޓަރެކެވެ. އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އޭޕްރީލް އަށެކެވެ.
އެސްޓީއޯއިން ކުރި އިއުލާނުގައި ބޯޑު ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ކަމަށް 19 ޝަރުތެއް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިއްސާދާރަކަށް ވުން ނުވަތަ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ މީހަކަށް ވާން ޖެހެ އެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުން މަތީގެ ދިވެހިންނަށް އެކަންޏެވެ. ޑިގްރީއެއް ހާސިލްކޮށްފައިވާ މީހަކު ނަމަ މަސައްކަތުގެ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެެވެ. އަދި ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ މީހަކު ނަމަ 10 އަހަރުގެ ތަޖުރިބާ ހުންނަން ޖެެހެ އެވެ.
މި މަގާމަށް ޝަރުތުހަމަވާ މީހުން އިންޓަވިއުކޮށް، ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމުން، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާ ދާރުންނަށް ފޯރުކޮށްދޭނެ އެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.