ޚަބަރު

ވީއައިއޭގެ މަގުހެދުމާ ގުޅުންހުރި މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ވީއައިއޭގެ މަގުތައް ހެދުމާ ގުޅުންހުރި މަސައްކަތްތައް އާރުޑީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަގުހެދުމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

Ads by MWSC

އިއްޔެ ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާ އެކު އެމްއޭސީއެލްއިން ސޮއިކުރި ފުރަތަމަ ފަހަރެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ ޝަރީފް ވިދާޅުވީ، މިހާރު  މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އޮތްނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެމަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހު ކަމަށެވެ.

އާރުޑީސީ ފަދަ މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްއޭސީއެލް އަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއަރޕޯޓެއް ހިންގާބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕާޓީޒް، މޭންޕަވަރ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން." ޝަރީފް ވިދާޅުވި އެވެ.

މި ފަހުމުނާމާގެ ދަށުން އެއަރޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތުކުރުމާއި، ރީސާފޭސް ކުރުމުގެ މަސައްކަތް އާރުޑީސީއިން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިންގ ދެމުމުގެ މަސައްކަތްވެސް އެކުންފުނިންގ ކުރިއަށް ގެންދާނެއެވެ.

މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއަރޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ.

މިއީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރައްވާ ދަތުރުވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފަސޭހައާއި، ސަލާމަތާއި ރައްކާތެރިކަމަށް އެމްއޭސީއެލްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މުހިއްމު މަސައްކަތްތަކެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. މިމަސައްކަތްތަކާއި އެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ލޭންޑް ސައިޑްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ އެތައްގުނައެއް ފަސޭހަވެގެން ދާނޭކަމަށް ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!