ޚަބަރު

ކޮވިޑް-19: މަޖިލިސް މެމްބަރުންގެ ކޮއްތު ކަނޑާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ކޮއްތު ކަނޑާލުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކުރުމަށް ފިނޭންސް މިނިސްޓަރީން އިއްޔެ ވަނީ މަޖިލީހަށް އަންގާފައެވެ.

އެކަމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ކޮއްތުދަރާ ބޯފެނާ ހުރިހާ އެއްޗެއް ކެނޑުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވައިފިން ކުޑަކޮށް އަޅުގަނޑުމެންނަށް ވެސް ބައްލަވާލައްވައިގެން ތި ކަންޑަވަމުން ގެންދަވައްޗޭ. އަދި ކޮއްތު ކަނޑާލިޔަސް ވެސް ބޯފެން ކޮޅާ އެހެން އެއްޗެހި އަޅުގަނޑުމެންނަށް ލިބޭގޮތަށް ބަހައްޓަވައްޗޭ" ނަޝީދު ވިދާޅުވިއެވެ.

އަދި ސަރުކާރުން އެދިފައިވާ ގޮތަށް 19.3 މިލިއަން ރުފިޔާ މަޖިލީހަށް ކުޑަކޮށްދެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ކޮއްތުގެ ގޮތުގައި ދުވާލަކު 159.88 ރުފިޔާ ހަރަދުވެ އެވެ. އެއީ ދުވާލަކަށް ޖުމުލަ ގާތްގަނޑަކަށް 13،900 ރުފިޔާ އެވެ. މަޖިލީހުގެ ޖަލްސާ ހަފުތާގެ ތިން ދުވަހަކު އާންމު ގޮތެއްގައި ބާއްވާއިރު، އެ މަގުން މަހަކަށް ގާތްގަނޑަކަށް 165،000 ރުފިޔާ މެންބަރުންގެ ކޮއްތަށް ހޭދަވެ އެވެ.

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ އަސަރެއްގެ ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުން ވަނީ އެކަމާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އާ ވަޒީފާތައް ނުއުފެއްދުމަށާއި އިދާރީ ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އޮފީސްތަކަށް އަންގާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!