ސިއްހީ މައްސަލައަކާ ގުޅިގެން ޝަހީމް އިމާމުވެ ތަރާވީހުކުރުން މެދުކަނޑާލައްވައިފި
 
                                                        ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން, އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީސް ނަމާދުކުރުން މެދުކަނޑާލައްވައިފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވަމުން ގެންދެވި ޝަހީމް މިއަދު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ދިމާވި ސިއްހީ ސަބަބަކާ ގުޅިގެން ގިނައިރު ކޮޅަށް ހުންނަން ދަތިވުމާ ގުޅިގެން ތަރާވީހު ނަމާދުކުރުން މެދުކަނޑާލަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށެވެ.
ޝަހީމް ވަނީ މިކަމާ ގުޅިގެން ވަރަށް އަވަހަށް ސާޖަރީއަކަށް ވަޑައިގަންނަވަން ޖެހިފައިވާކަން ވެސް ހާމަކުރައްވައިފައެވެ. ނަމަވެސް މެދުވެރިވީ ކޮން ސިއްހީ ސަބަބެއް ކަމަށް ވިދާޅުވެއްނުވެއެވެ.
"ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހެޔޮ ދުޢާއަށް އެދެން. ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުޤުވެރިކަމާއެކު ކުރާކަމެއް," ޝަހީމް ވިދާޅުވިއެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
