ރަށުތެރޭގެ އަމާންކަން ނަގާލާ މީހުންނާ މެދުހަރުކަށި ފިޔަވަޅު އަޅާނަން: މިނިސްޓަރު

ރަށުތެރޭގެ އަމާންކަން ނަގާލާ މީހުންނާ މެދުހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވެފައިވަނީ މިރޭ އިރާކޮޅު ރޯޝަނީ މަގުގައި ހިނގި މާރާމާރީއާއި ގުޅިގެންނެވެ. އެ ޕޯސްޓުގައި، މި މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އެކަކު ކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް، ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހާ އާއި މާރާމާރީ ހިންގުމަށް ފަހު ފިލަން އުޅުނު މީހުންގެ ތެރެއިން މީހެއް ކަމަށެވެ.
މި މާރާމާރީ ހިނގީ ހިނގީ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައެވެ.