ޚަބަރު

މި މަހުގެ 19ން 26އަށް ސަރުކާރު ބަންދުކުރަން ނިންމައިފި

ދެން އެމްވީ

މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ދާދި ދެންމެއަކު ފާސްކޮށްފިއެވެ.

ކެބިނެޓުން މިއަދު ނިންމާފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އޮފީސްތައް ބަންދުކުރާ ގޮތަށެވެ.

ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.

13 މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!