ޚަބަރު ސަރުކާރު

މިއަހަރު ތެރޭ ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ދެން

މިއަހަރުން ފެށިގެން އާސަންދަ ހިދުމަތް ޔޫއޭއީ އާއި ތައިލެންޑުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގައި އެންމެ ރަނގަޅު ބޭސްފަރުވާ ދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެ ދެގައުމަށް އާސަންދަ ފުޅާކުރުމުގެ އިދާރީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މީގެ ކުރިން ރައީސް ވަނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ލިބޭ ގައުމުތައް އިތުރުކުރައްވައި ވަކި ގައުމަކަށް ދިވެހި ސިއްހީ ފަރުވާ ހޯދުމުގައި ބަރޯސާވާ މިންވަރު ކުޑަކޮށް އެ ހިދުމަތް ފުޅާކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ އެ ތަންތަނަށް ބޭސްފަރުވާ ހޯދުމަށް ދަތުރުކުރާއިރު ހުރުމުގެ ހަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުކުރުންކަން ފާހަގަކުރައްވާފައިވެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ، އާސަންދައަކީ ވަކި ގައުމެއްގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި އެކަނި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އިންޑިއާ އާއި ސްރީލަންކާއިން ލިބޭ ހިދުމަތަށްވުރެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ގައުމުތަކުން އާސަންދައިގެ ދަށުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!