ޔޫސުފްގެ މެރަތަން ރެކޯޑާއި ތުރުކީ މެރަތަންގެ ކާމިޔާބީ ފާހަގަކޮށްފި

ފުލްމެރެތަންގެ ގައުމީ ރެކޯޑު މުގުރާލި ޔޫސުފް އިބްރާހިމްގެ ކާމިޔާބީއާއި، މެރަތަން ރަނާސް އާއި އައިލެންޑް ރަނާސް މޯލްޑިވްސްގެ ދުވުންތެރިން ތުރުކީ މެރަތަންއިން ހޯދި ކާމިޔާބީ ރޭ ފާހަގަ ކޮށްފިއެވެ.
މި ކާމިޔާބު ފާހަގަކުރުމަށް ރޭ މާލޭ ކުޅިވަރު އެކުވެނީގައި ބޭއްވި އިވެންޓް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ވެރިންނާއި އައިލެންޑް ރަނާސް މޯލްޑިވްސް އާއި މެރަތަން ރަނާސްގެ ގިނަ އެތުލީޓުންތަކެއްވެސް ރޭގެ އިވެންޓްގައި ބައިވެރިވެފައިވެއެވެ.
މި އިވެންޓުގައި ވާހަކަދައްކަވަމުން ދައްކަވަމުން ރާފިއު ވިދާޅުވީ، ދުވުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރަށް ތަނަވަސްކުރުމަށް، ދުވާ ރަނގަޅު ފެސިލިޓީތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތުރުކީގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި އިވެންޓްގައި އެންމެ ހާއްސަ ޝަރަފެއް ދީފައި ވަނީ ފުލްމެރެތަންގެ ގައުމީ ރެކޯޑު މިފަހަރު މުގުރާލި ޔޫސުފްއަށެވެ. މިވަގުތު ހާފް މެރެތަންގެ ވެސް ރެކޯޑް އޮތް ޔޫސުފް ރޭސް ނިންމީ 2 ގަޑި 29 މިނިޓް 48 ސިކުންތުންނެވެ. މިއީ 2019ގައި ޝިފާޒް މުހައްމަދު 2:32.56 ގަޑިއިރުން ހެދި ރެކޯޑަށް ވުރެ ގާތްގަނޑަކަށް ތިން މިނިޓްގެ ތަފާތެކެވެ.

ރަނަޓޯލިއާ ރޭހަކީ ގިނަ ދިވެހި އެތުލީޓުން ވާދަކުރަމުން އަންނަ ރޭހެކެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން، މިއަހަރުގެ ރޭހުގައިވެސް ގިނަ އަދަދެއްގެ ދިވެހި އެތުލީޓުން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އައިލެންޑް ރަނާސްގެ ގިނަ އެތުލީޓުން ވަނީ ރަނގަޅު ޓައިމިންތަކެއްގައި ރޭސް ނިންމައި، އަމިއްލަ ރެކޯޑުތައް އައުކޮށްފައެވެ.