ޚަބަރު

ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ އާއި ހުޅުމާލެ ގުޅުވާފައިވާ ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

Ads by MWSC

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ ދެއަހަރެއްހާ ދުވަސް ވަންދެން ބްރިޖްގެ އެކަށީގެންވާ އިންސްޕެކްޝަން ހަދާފައިނުވާ ކަމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި، ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމުގެ މުހިންމު މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ތިން އަހަރު ދުވަހުގެ ތެރޭގައި ބްރިޖް އިންސްޕެކްޝަން ހެދުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ ލޯކަލް ޓީމެއް ތަމްރީނު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް އެ މަޝްރޫޢު ކުރިއަށް ގެންދިޔަ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީއާއި ހަވާލުކޮށްގެންނެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ 3.6 މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގެ ދަށުން ސިނަމާލޭ ބުރިޖު މަރާމަތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހަދައި، ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ވެސް ހަދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!