މެލޭ އަދި ޔޫކޭގައި ދިރިއުޅޭ ދިވެހިން ގޭގަ މަޑުކުރަން އެދެފި
މެލޭޝިއާ އާއި އިނގިރޭސިވިލާތުގައި ތިބި ދިވެހީން އެއާޕޯޓަށް ނުދިޔުމަށާއި އެ ދެ ގައުމުގައި ތިބި ދިވެހީން ދިރިއުޅޭ އެޕާޓްމަންޓުން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްގެން ތިބުމަކީ އެމީހުންނަށް އޮތް އެންމެ ރައްކާތެރިގޮތް ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ. ހަމައެހެން އިނގިރޭސިވިލާތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާވާނެ ކަމަށެވެ. އެ ދެ ގައުމަށް ޓްރާންސިޓްވެފައި ވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެ ދެ ގައުމުގައި ތިބި ދިވެހީންނަށް ކުރެވޭނެ އެންމެ ބޮޑު ނުރައްކާތެރި ކަމަކީ ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށް އެއާޕޯޓަށް ދިޔުން ކަމަށެވެ.
އެހެންކަމުން މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި ތިބި ދިވެހީން ދިރިއުޅޭ އެޕާޓްމަންޓުން ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްގެން ތިބުމަކީ އެމީހުންނަށް އޮތް އެންމެ ރައްކާތެރިގޮތް ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ގޭގައި މަޑުނުކޮށް ބޭރުގައި އުޅުމަކީ އެމީހުންގެ ސިއްހަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އެ ދެ ގައުމުން މީގެފަހުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.