ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ވަގުތު ކުޑަތަންވަމުން ދާއިރު ކެމްޕެއިން ފޯރި ވަނީ ގަދަވެފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ކެނޑިޑޭޓުންވެސް ދަނީ ކެމްޕެއިން ކުރަމުންނެވެ. އެން ފޯރީގައި ކެމްޕެއިން ކުރަމުން ދަނީ އެންމެ ބޮޑު ދެ ޕާޓީންނެވެ. އެއީ ސަރުކާރުން ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީ ނުވަތަ ޕީއެންސީ އާއި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު ހިންގަވަމުން ގެންދަވަނީ ވަރަށް ހުދުމުހުތާރުކޮށެވެ. ހުދުމުހުތާރުކޮށް ސަރުކާރެއް ހިންގަން ބޭނުންވާ ހުރިހާ ސިފައެއް މިސަރުކާރުގައި މިހާރުވެސް އަށަގަންނަމުން ދާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ގައުމުގެ މިސްރާބު ކައްސައިލާނެކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. ގައުމުގެ އިޤްތިޞާދު ދަށަށް ގޮސް ތަރައްގިގެ މަޝްރޫއުތައް ނުހިނގާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވިއްކަން މަސައްކަތް ކުރަނީ ދޮގު ދޮލަނގެއްކަމަށް އެމްޑީޕީން ސިފަކުރެ އެވެ.
ރައީސުލްޖުމްހުރިއްޔާ އަދި ސަރުކާރު ކޯލިޝަންގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ރައްޔިތުންނާއި ބައްދަލު ކުރައްވައިފަ އެވެ. އެބައްދަލުވުމުގައި ގާތްގަނޑަކަށް ބައި ގަޑިއެއްހާއިރު ވަންދެން ރައީސް ވާހަކަފުޅު ދެއްކެވި އެވެ. މުހިންމު ގިނަ ދާއިރާތަކަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއިރު ކުރިން ދެއްކެވި އެތައް ވާހަކައެއް ތަކުރާރުވެސް ކުރެއްވެވި އެވެ.
ދީނުގެ ވާހަކައާއި އެތެރޭގެ ސިޔާސީ ވާހަކަތައް
ރައީސްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ އަލިއަޅުއްވައިލެއްވީ އިސްލާމް ދީނުގެ ވާހަކައަށެވެ. ކުރިއަށް މިދަނީ ރަމަޟާން މަސްކަމަށް ވުމުން މަސްސަރުގެ މުހިންމުކަމުގެ ވާހަކައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ "ލާދީނީ" ވާހަކަތަކަށް ރައީސް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން އެދުވަސްވަރު ބަޔަކު އިސްލާމީ އަގީދާގެ މުހިންމު ކަންކަމަށް ހަޖޫ ޖެހިކަމަށް ވިދާޅުވި އެވެ. އެމީހުންގެ ތެރެއިން އެއްބަޔަކަށް ބައިތުލްމާލުން މުސާރަ ދިންކަމަށްވެސް ވިދާޅުވި އެވެ. ރައީސް މިއިޝާރާތް ކުރެއްވީ އެމްޑީއެން ނަމަކަށް ކިޔާ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް ބޭފުޅުންނަށް ކުރީ ސަރުކާރުގެ އިސް މަގާމުތަކެއް ދެއްވީތީ އެކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހީންގެރާއްޖެ އަކީ އިސްލާމް ދީނަށް ނަސްރު ދޭނެ ސަރުކާރެކެވެ. އެހެންނަމަވެސް މިގޮތުގައި ދެމިއޮތުމަށާއި އަލުން އެމިސްރާބަށް ނުދިޔުމަށް އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
އެތެރޭގެ ސިޔާސީ ވާހަކައަށްވެސް ޑރ. މުއިއްޒު އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން ކޮންމެ ސަރުކާރެއް ނިމި އާ ސަރުކާރެއް އައުމާއިއެކު ސިޔާސީ މީހުން ހައްޔަރުކޮށް ބަދަލު ހިފުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގެންފައިވާކަމަށް ވިދާޅުވި އެވެ. މިކަން ވެގެން ގޮސްފައިވަނީ ނިމުމެއްނެތް ވަށާޖެހޭ ނިޒާމެއްގެ ގޮތުގައިކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބަދަލު ހިފުމުގެ ރޫހު ނައްތައިލުމުގެ ވައުދާއިއެކުކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިހާރުވެސް އިދިކޮޅުގައި ތިއްބެވި ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ ހަމަޖެހުން ދެމިއޮންނަން ބޭނުން ނުވާ ވާހަކަކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން އިދިކޮޅަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ އެމަޖިލީހުގައި ބަދަލު ހިފުމުގެ ރޫހު އަށަގެންފާނެކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތައް ނަމްބަރުތަކުން
ގާތްގަނޑަކަށް 700 އެއްހާ މީހުން ބައިވެރިވި ޖަލްސާގައި ރޭ ރައީސް މުއިއްޒު ވަނީ ގިނަ އަދަދެއްގެ ނަމްބަރުތަކެއް ވިދާޅުވެދެއްވައިފަ އެވެ. ވިދާޅުވީ އިދިކޮޅުން ހަދަމުންދާ ދޮގުތަކަށް ރައްދު ދެއްވޭނީ ނަމްބަރުތަކެއް ވިދާޅުވެ ތަފްސީލު ދެވިގެން ކަަމަށެވެ.
ރައީސް ވިދާޅުވެދެއްވި ނަމްބަރުތައް:
- ސަރުކާރު ބަދަލުވިއިރު މަސައްކަތް ކުރުވާފައި ނުވަ ހާސް މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ނުދީ ހުރި. މިފައިސާ މިހާރު ދަނީ ދެމުން.
- ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ކުރީ ސަރުކާރުން ހުއްޓާލާފައި އޮތް. އެމަޝްރޫއުތަކާއިއެކު ފެނާއި ނަރުދަމާގެ 74 މަޝްރޫއެއް މިހާރު އެބަ ހިނގާ.
- ބަނދަރު ހެދުމާއި ބިން ހިއްކުމާއި އެއްގަމުގައި ތޮށި ލުމުގެ 30 މަޝްރޫއު ހުއްޓިފައި އޮތް. 90 މަސައްކަތް މިހާރު އެބަ ހިނގާ.
- އެއާޕޯޓު ހެދުމުގެ މަޝްރޫއުތައް 07 ރަށެއްގަ ހުއްޓިފަ. މިހާރު އެހުރިހާ މަޝްރޫއެއް ވަނީ ފެށިފަ.
- މަގު ހެދުމުގެ މަޝްެރޫއުތައް 17 ރަށެއްގަ އޮތީ ހުއްޓިފަ. 26 ރަށެއްގަ މިހާރު އެބަ ހިނގާ.
- ދަނޑުތަކާއި ކޯޓުތައް ތަރައްގީކުރުމުގެ 84 މަޝްރޫއު އޮތީ ހުއްޓިފަ. އޭގެ ތެރެއިން 71 މަޝްރޫއެއް މިސަރުކާރުން ފެށި. ބައެއް މަޝްރޫއު ނިމި މިހާރު ކުރިއަށްދަނީ 48 މަޝްރޫއުއެއް.
- މިސްކިތްތައް ތަރައްގީ ކުރުމާއި މަރާމާތު ކުރުމުގެ 20 މަޝްރޫއެއް ސަރުކާރު ބަދަލުވިއިރު އޮތީ ހުއްޓިފަ. 42 މަޝްރޫއު މިހާރު އެބަ ހިނގާ.
- ތައުލީމީ ދާއިރާގަ 90 މަޝްރޫއު އޮތީ ހުއްޓިފަ. 217 މަޝްރޫއު މިހާރު އެބަ ހިނގާ.
- ގެދޮރުވެރިކަމުގެ މަޝްރޫއުތައް 11 ރަށެއްގަ އެބަ ހިނގާ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުޅި ޖުމްލަ މިސަރުކާރުން 527 މަޝްރޫއުއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެބަ ހިނގަ އެވެ. މަޝްރޫއުތަކުގެ އިތުރުންވެސް ފައިސާގެ ބައެއް އަދަދުތަކުގެ ތަފްސީލުވެސް ރައީސް ދެއްވި އެވެ. އެގޮތުން؛
- ރައީސް ޞާލިހުގެ ވެރިކަމުގެ ކުރިން 40 އަހަރަށް ޗާޕު ކުރީ 6 ބިލިއަން ރުފިޔާ. އެހެންނަމަވެސް 8 ބިލިއަން މިދިޔަ ފަސް އަހަރު ޗާޕް ކުރި.
- ރައީސް ޞާލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތް އޮތީ 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި. މިއަހަރުގެ މި މުއްދަތުގައި ދައުލަތް އޮތީ 134 މިލިއަން ރުފިޔާގެ އަރަނީގައި.
- ރައީސް ޞާލިހުގެ ވެރިކަން ނިމުނުއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު. މިހާރު 35 މިލިއަން ޑޮލަރު ހުންނާނެ. އަދި މިއަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ހަމަވާނެ.
- ކުރީ ސަރުކާރުން 2 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން މަޝްރޫއުތަކަށް ހަރަދު ކުރީ 900 މިލިއަން ރުފިޔާ. މިސަރުކާރުން ފައިސާ ޗާޕު ނުކޮށް ލޯނު ނުނަގާ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ދަނީ ހިންގަމުން.
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް މިގޮތުގައި ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެންނެވެ. އަދި ހާއްސަކޮށް ބަޖެޓު ކަނޑައަޅައި އެ ފާސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ ވާހަކައާއި މަޖިލިސް ލިބުމުގެ މުހިންމުކަމުގެ ވާހަކަ
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރެއް ހަމަޖެހި އޮވެ ހިންގަން ވަރަށް ބޭނުންތެރި އެވެ. އެގޮތުން ދިވެހީންގެރާއްޖެ މެނިފެސްޓޯގެ ކަންކަން ހާސިލްކުރުމަށް 200 ގާނޫނެއް ފާސްކުރަން އެބަ ޖެހޭކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުންވެސް ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން ދާކަމަށާއި އެކަމަށް ބޭނުންވާ ބައެއް ގާނޫނީ އިސްލާހުތައްވެސް މަޖިލީހުން ފާސްކުރަންޖެހޭނެކަމަށް ވިދާޅުވި އެވެ.
އިންޑިއާ ސިފައިންގެ މައުޟޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއާއެކު ކުރެވުނު މަޝްވަރާތަކުގެ މަތިން ޑިޕްލޮމެޓިކް އުސޫލުތަކާއިއެކު ލިޔެކިޔުންތަކެއް ގާއިމްކުރެވިފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެއް ޕްލެޓްފޯމުން ސިފައިން ފައިބާނެ ކަމަށާއި އަންނަ މަހު އަނެއް ޕްލެޓްފޯމުން ސިފައިން ފައިބާނެކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު ހުރިހާ ސިފައިން ރާއްޖެއިން ފައިބައި ނިމުނީކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ނަތީޖާ ނެރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންނެވެ. އެހެންކަމުން އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސަބަށްވުރެއް ލޯ ކުރިމަތިން ފެންނަ މަންޒަރުތައް ގަބޫލުކޮށް ޕީއެންސީގެ 93 ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިލެއްވި އެވެ.