ސިޔާސީ މީހުނަށް ބޮޑެތި ތުހުމަތުތައްކޮށް ޕޯސްޓުކުރާ "ކުރުސީ" އެކައުންޓް ސަސްޕެންޑް
ހަސަން ކުރުސީގެ ނަމުގައި އެކްސް (ޓްވިޓާ) ގައި ހިންގާ އެކައުންޓް ސަސްޕެންޑުކޮށްފިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ފޮލޯކުރަމުން އަންނަ އެ އެކައުންޓު ސަސްޕެންޑު ކޮށްފައިވަނީ 'އެކްސް'ގެ މިންގަނޑުތަކާ ހިލާފުވެގެންނެވެ. އެކަމަކު އެއީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގޭކަށް ނެތެވެ.
ސަރުކާރުގެ އެތެރޭގެ މައުލޫމާތުތައް ލީކުކުރަމުންދާ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ޑީއެމްޑީ ބައްސާމު އާދަމް، މުވައްޒަފުން ތަކަކަށް ޖިންސީ ފުރުއްސާރަކުރި މައްސަލަ އެއް ފެންމަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އެތެރޭގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތުތަކެއްވެސް ކުރުސީ އެކައުންޓުން އައީ ހާމަކުރަމުންނެވެ.
އެ ވާހަކަތައް ތިލަކުރުމުގެ ކުރިން އެ އެކައުންޓުން ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މިނިސްޓްރީގެ މުވައްޒަފުންތަކެއް ދީފައިވާ ބަޔާންތަކެއް ލީކުކޮށްލާފައެވެ.
ކާކުކަން ނެގޭ ބަޔަކު ހިންގަ ކުރުސީ އެކައުންޓް ފާޅުވީ 2022 ވަނަ އަހަރުއެވެ. އެ އެކައުންޓު ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށް ތުހުމަތުތަކެއް ކުރެވުނެވެ. އެމަނިކުފާނު ދިފާއުކޮށް، އެކައުންޓުން ޓްވީޓްވެސް ކުރެއެވެ. އެކަމަކު އެ ތުހުމަތުތަކުން ބަރިއަވެވަޑައިގެން ނަޝީދު، ފުލުހުން ގާތު އެދުނީ އެކައުންޓު ހިންގާ މީހުން ހޯދުމަށެވެ. ސިޔާސީ މީހުންގެ ޝަހުސިއްޔަތު ކަތިލަމުންދާ ކުރުސި އެކައުންޓު ހިންގާ ބަޔަކު ހޯދަން ކޯޓު އަމުރެއްވެސް ނެރުނެވެ.
މީގެ ކުރިންވެސް އެ އެކައުންޓް ސަސްޕެންޑްކުރިއެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ އަލުން ބޭނުންކުރެވޭ ގޮތަށް ހެދިއެވެ.