ޚަބަރު

އިންޑިއާ-ރާއްޖެ ގުޅުން އަލުން ބަދަހިކުރާނީ މި ޕާޓީން: ކޮންގްރެސް

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮންގްރެސްގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރަން ކޮންގްރެސް ޕާޓީން ތެދުވެއްޖެއެވެ.

Ads by MWSC

މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ (ލޮކް ސަބާ) އިންތިހާބަށް ބޭނުންކުރާނެ، ކޮންގްރެސްގެ މެނިފެސްޓޯ މިއަދު ވަނީ ލޯންޗުކޮށްފައެވެ. ވެރިރަށް ދިއްލީގައި ހުންނަ އެ ޕާޓީގެ އޯލް އިންޑިއާ ކޮންގްރެސް ކޮމިޓީގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތެއްގައި މެނިފޯސްޓޯ ލޯންޗުކޮށްދެއްވީ ކޮންގްރެސްގެ މިހާރުގެ ރައީސް މަލިކާރްޖުން ހަރްގޭ އާއި އެ ޕާޓީގެ ކުރީގެ ރައީސް ރާހުލް ގާންދީއެވެ.

އިންޑިއާގެ އިދިކޮޅު އެންމެ ބޮޑު ޕާޓީން "ނަޔައި ޕަޓްރާ" ގެ ނަމުގައި ނެރެފައިވާ އެ މެނިފެސްޓޯގައި އަވަށްޓެރި ގައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުުރަށް ބަދަހިކުރުމަށް ވައުދުތަކެއް ވަނީ ވެފައެވެ. ކޮންގްރެސްއިން ބުނާ ގޮތުގައި އިންޑިއާއާ އެންމެ ގާތް އަވަށްޓެރިންނަށް އެ ޕާޓީން މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭނެއެެވެ.

''ރާއްޖެއާ-އިންޑިއާ ގުޅުން އަލުން ބަދަހިކޮށް ކުރާނަން'' ކޮންގްރެސްގެ މެނިފެސްޓޯގައި ''އަވަށްޓެރިންނަށް'' ހާއްސަކުރި ބައިގައި ބުނެފައިވެއެވެ. ގުޅުން ބަދަހިކުރަން ކުރާނެ އިތުރު ކަންކަމުގެ ތަފްސީލެއް އެ ޕާޓީއަކުން ނުދެއެވެ.

ނޭޕާލާއި ބޫޓާނާ އެކު އޮންނަ ހާއްސަ ގުޅުމަށް އަލުން އިސްކަންދީ، ދެ ގައުމުގެ ފައިދާއަށްޓަކައި އެ ގުޅުންތައް އިތުރަށް ބަދަހިކުރާނެ ކަމަށާއި ދެކުނު އޭޝިއާގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު އިގްތިސާދީ އަދި ސަގާފީ ގުޅުން ބަދަހިކުރާނެ ކަމަށްވެސް މެނިފެސްޓޯ ގައި ބުނެފައިވެއެވެ.

ސްރީލަންކާއާ އެކު މަސައްކަތް ކުރާނީ ދެ ގައުމުގެ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން އަލުން ގާއިމުކުރުމަށް ކަމަށާއި، މިޔަންމާގެ ރައްޔިތުންގެ ސިޔާސީ އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރަންވެސް ކޮންގްރެސްއިން ވަނީ ވައުދުވެފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގާތް ގުޅުމެއް ބާއްވަމުން އައި އިންޑިއާ އެކު އޮންނަ ގުޅުން ހީނަރުވީ، އިންޑިއާގެ ޖަޒީރާ ރަށްތަކެއް ކަމަށްވާ ލަކްޝަދީބް އަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދި ކުރެއްވި ދަތުރުފުޅެއްގައި ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ފޮޓޯއަކާ އެކުއެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ހީނަރުކޮށްލުމުގެ ނިޔަތުގައި މޯދީ ޕޯސްޓުކުރެއްވި ފޮޓޯއެއް ކަމަށް ބުނެ ސަރުކާރުގެ އެކްޓިވިސްޓިން އެކަމާއި ދެކޮޅަށް ޓްވީޓާގައި އަޑު އުފުލަން ފެށިއެވެ.

މޯދީއަށް ކުޑައިމީސްވާ ގޮތަށް ސަރުކާރުން ތިން ނައިބު ވަޒީރަކު ޕޯސްޓުތަކެއްވެސް ކުރިއެވެ. އެ މައްސަލާގައި މުސާރަ ހިނގާ ގޮތަށް އެ ތިން ޑެޕިއުޓީން ވަނީ ސަސްޕެންޑްކޮށްފައެވެ. އެއާއެކު އިންޑިއާގެ އެކި ގްރޫޕްތަކުންނާއި ބީޖޭޕީއަށް ތާއިދުކުރާ ފަރާތްތަކުން ރައްދު ދޭން ފަށައި ސޯޝަލް މީޑިއާގައި ބޮޑު ކޯޅުމެއް ފެށުނެވެ.

މި ކޯޅުމުގެ ތެރެއިން ރާއްޖެ ބޮއިކޮޓްކުރުގެ ހަރަކާތެއް އިންޑިއާގެ ސޯޝަލް މީޑިއާގައި ފެށުނެވެ. ކޮވިޑްގެ ދުވަސްވަރުން ފެށިގެން ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ދަށްވެ, ދެ ގައުމުގެ ދެމެދުގައި ސިޔާސީ އަދި އިގްތިސާދީ ގުޅުން ވަނީ ހީނަރުވެފައެވެ.

އެއްބަޔަކު ދެކޭ ގޮތުގައި މިކަމުގެ ސަބަބުން އިންޑިއާގެ މާކެޓް ރާއްޖެ އަށް ގެއްލި ނޭދެވޭ އަސަރު ކުރާނެއެވެ. އެއަށް ރައްދު ދޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ މާކެޓް ގެއްލުނަސް ވާދަވެރި ޗައިނާ އިން އެތަން ފޫބައްދާނެއެވެ.

އެހެން އޮއްވައި ރާއްޖޭގައި ތިބި އިންޑިިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލަން ދެ ގައުމުގެ މެދުގައި މަޝްވަރާތައް ފެށުނެއެވެ. ރާއްޖޭގައި ހެލްކޮޕްޓަރުތައް ދުއްވާ އިންޑިއާ ސިފައިން ފޮނުވާލުމަކީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ސަރުކާރުން ބުނަނީ އަންނަ މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލާނެ ކަަމަށެވެ. އޭގެ ބަދަލުގައި ތިބޭ މަދަނީ މީހުން ވަނީ މިހާރު ރާއްޖެ އައިސްފައެވެ.

އިންޑިއާގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި މި ސަރުކާރަކީ ''ޕްރޯ ޗައިނާ'' ސަރުކާރެކެވެ. ޗައިނާއިން ރާއްޖެއަށް އެހީވެދެނީ އިންޑިއާ އެއްފަރާތްކޮށްލަން ކަމަށް ބުނެ އެ ގައުމުގެ މީޑިއާތަކުން ދަނީ ކެނޑިނޭޅީ މި ސަރުކާރަށް ފާޑުކިޔައި ރިޕޯޓްތައް ލިޔަމުންނެވެ. ނަމަވެސް މި ސަރުކާރުން ހުރިހާ ފަރާތްތަކާއެކު ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމަށް ދަނީ ބުނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!