ޚަބަރު

ރައީސް މުއިއްޒު ރާއްޖެ ބަދަލުކުރާނީ މުއްސަނދި ރާއްޖެއަކަށް: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ބަދަލުކުރާނީ މުއްސަނދި ރާއްޖެއަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ސައީދު ވިދާޅުވީ ސަރުކާރު ބަދަލުކުރީ ކަންކަން ނުނިމި، މިސްރާބުން ނެއްޓުމުން ކަމަށާއި މި ސަރުކާރަށްވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވާ ހިސާބު ރައްޔިތުންގެ ވިސްނުމަށް ގެންނަންޖެހޭ ކަމަށެވެ. އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އަދި އިދިކޮޅުން މިސްރާބުގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި ސަބަބަކީ އެއީ އެއްވެސް މިސްރާބެއް ނެތި ކުރިޔަށްދާ ބަޔަކަށްވުމުން ކަމަށް ވިދާޅުވިއެވެ.

"އެއްވެސް މިސްރާބެއް, ހިނގާފަ ދާއިރުވެސް އެއްވެސް މިސްރާބަކަށް ނުދެވޭ ބައެއް. މިސްރާބުގެ ވާހަަކަ ދެއްކީމަ އަޅުގަނޑުމެންގެ ދާއިރާގެ މީހުންނަކަށް ކަމަކު ނުދާނެ. ހަމަޔަށް ރައީސް ޞާލިޙަށް ހިނގާ ނުލެވޭ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައްޔިތުން ނިކުމެ ސަރުކާރު ބަދަލުކުރީ ކަންކަން ނުނިމި, މިސްރާބުން ނެއްޓިގެން ދިޔުމުން ކަމަށާއި މި ސަރުކާރުގެ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީ ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އިދިކޮޅު އެމްޑީޕީގައި ތިބި ހަތަރު ފަސް މީހަކު ދައްކާ ވާހަކައަކުން ރާއްޖެ އަށް އޮތް ތާއީދާއި، އިތުބާރު ގުޑުވާނުލެވޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ފައިސާ ހޯދައި، ދަރަނި ކުޑަކުރުމާއި އަރަނި އިތުރުކޮށް، ތަރައްގީގެ ރޭހުގައި ރާއްޖެ ކުރިޔަށް ދާނެ ގޮތެއް ރައީސް މުޢިއްޒު ހޯދައިދެއްވާނެ ކަމަށާއި އެކަންތައްތައް މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!