ޚަބަރު

ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އިއްޒައްދީން އައްޔަންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިއްޒައްދީން އައްޔަންކުރެއްވުމުގެ ތެރެއިން

ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތު ހައުސް މަގާމަށް ޝައިޚް އިއްޒައްދީން އަދްނާން އައްޔަނުކުރައްވައިފިއެވެ.

އިއްޒައްދީން އެމަގާމަށް އައްޔަނުކުރެއްވީ ރޭ އިސްލާމީ މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިއްޒައްދީން އަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ފުރުއްވާފައިވަނީ އެ މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމެވެ.

ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީއިންް ކިޔާވާ ވިދާޅުވީ އިއްޒުއްދީން  މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

އޭނާ ވަނީ 2016 ވަނަ އަހަރު މާސްޓާ އޮފް ޝަރީއާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023 ގައެވެ. އަދި މި އަހަރު ޖެނުއަރީ ދެ ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.

ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ ބޭނުމުގައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް އެ މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ. ހަމަ އެއާއެކު މިއަދު ޒަކާތް ލިބިގަންނަ މީހާ މާދަމާ ޒަކާތް ނެރޭ ތަނަސް މީހަކަށް ބަދަލުކުރުމުގެ އަޒުމުގައި މުހިންމު އިޖުތިމާއީ ޕްރޮގްރާމްތައް ހިންގުންވެސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!