ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ތަނަވަސްކަން ހޯދޭނީ އިންޑިއާ އާ ގުޅުން ރަނގަޅު ކޮށްގެން: ރައީސް ނަޝީދު

ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ތަނަވަސްކަން ހޯދޭނީ އިންޑިއާ ގުޅުން ރަނގަޅު ކޮށްގެން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެ އިންޑިއާއަށް ގައުމު ވިއްކާލާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. މިކަމާ ގުޅިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއް ވެސް އިދިކޮޅުން ވަނީ މީސް މީޑިއާގައި ފަށާފައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އަދި ރާއްޖެއަށް ތަނަވަސް ކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާ އެމްޑީޕީގެ ވަޒީރުން ވެސް މިކަމަށް މިގޮތަށް ކުރައްވާނެ ކަމާމެދު އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.