އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުން އަރައިގަނެ އާންމު ހާލަތެއް އައިސްފައިވާ ކަމަށް ކަނޑައަޅާ ދުވަހުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭގެ ފަހުން މި މައްސަލަ ވަނީ ހައިކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެކަމަކު އެ މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ގިނަ މެންބަރުންނަށް ފެނިވަޑައިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ ރޭ ކޮމިޓީ ބައްދަލުވުމެއް ބާއްވައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އެ ބައްދަލުވުމަށް ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
އީސީން މިއަދު ބުނީ އިންތިހާބު ބާއްވާ ތާރީހު ފަސް ކުރުމަށް ޓަކައި މަޖިލީހުން ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީން ކަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދީފައިވާތީވެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ
މަޖިލީހުން ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އިންތިހާބު ފަސް ކުރުމުގެ މައްސަލާގައި ދިމާވެފައިވާ ސިއްހީ ކުއްލި ހާލަތަށް ހާއްސަކޮށް ވަގުތީ ގާނޫނީ މާއްދާއެއް ނުވަތަ "ސަންސެޓް" ގާނޫނެއް ގެންނަން ތާއީދު ކުރައްވައިފަ އެވެ. އަދި އެ ފަދަ ގާނޫނެއް ގެނައުމަށް އީސީގެ ރައީސް އަހްމަދު ޝަރީފު ވެސް ތާއީދު ކުރެއްވި އެވެ.